English Edition
Dhivehi Edition
ގއ ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލް

ގއ. އަތޮޅު ހޮސްޕިޓަލުން މާބަނޑު މީހަކަށް ފަރުވާ ނުލިބި ގިނަ އިރުތަކެއްވެ މަންމަ އާއި ތުއްތު ދަރިފުޅު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ގއ ވިލިނގިލީ ޒަމާނީވިލާ ޝިއުނާ ތައުފީގާއި ޝިއުނާ ވިހެއި އޭނަގެ 3 ވަނަ ދަރިފުޅެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިއްޔެ ހަވީރު ޝިއުނާގެ ދަރިފުޅު ނެގުމަށް ހެދި ސިޒޭރިއަށް އަށް ފަހު ހޭނާރައިގެން މަންމައާއި އަދި ދަރިފުޅުވެސް ވެންޓިލޭޓަރ އަށް ލީއެވެ. ސިޒޭރިއަން ހެދިއިރު ޝިއުނާ ވަރަށްބޮޑަށް އަރިދަފުސް ރޯގާ ޖެހިފައިވާ ކަަމަށް ރަށުން ވާހަކަދެއްކި މީހަކު މި ނޫހަށް މައުލޫމާތު ދީފައިވެއެވެ.

ހެނދުނު ހިނގި މިޙާދިސާއަށް ފަހު އިތުރު ފަރުވާއަށް ޝިއުނާ މާލެ ގެންދެވޭނެ ގޮތް ނުވެ ލަސްވުމާއި ގުޅިގެން އިއްޔެ ހަވީރުން ފެށިގެން އެރަށުގެ ގިނަ ބަޔަކު ވަނީ ހޮސްޕިޓަލް ދޮށަށް އެއްވެ އަޑުގަދަކޮށް އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

އެންމެފަހުން ރޭ 23:00 ގައި އެއަރ އެމްބިއުލަންސް ގައި ދެމައިން މާލެ ފޮނުވަން ކުއްޑޫއަށް ގެންދިޔަ ތަނާ 23:23 ގައި ޝިއުނާ ވަނީ ނިޔާވެފައެވެ. އަދި ދަރިފުޅު މާލެގެންދިޔަ ނަމަވެސް ރޭ ފަތިހު ދަރިފުޅު ވެސް ވަނީ ނިޔާވެފައެވެ.

“އެއަރ އެމްބިއުލަންސް ގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން ބަލިމީހާ ގޮވައިގެން ނުފުރި ލަސްވުމުގެ ސަބަބުން މަންމައާއި ދަރިފުޅު މި ދުނިޔެ އާއި ވަކިވެގެން ދާންޖެހުމަކީ ވިލިނގިލީ ރައްޔިތުންނާއި އާއިލާއަށް ލިބިގެންދިޔަ ކެތްކުރަން ދަތި ހިތާމަ އެއް. އާއިލާ އަށް ކެތްތެރިކަން ދެއްވާ މަރުހޫމާ ޝިއުނާއާއި ތުއްތު ފުރާނަ ކޮޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި ” މި ހާދިސާ އާއި ގުޅިގެން ވިލިނގިލީ ކައުންސިލް މެމްބަރ ޝީބާ އޭނަގެ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ.

ކައުންސިލް މެމްބަރު ލިޔުއްވާފައިވަނީ މީ އެ ހޮސްޕިޓަލުގައި މިއަދަކު އިއްޔެ އަކު ދިމާވާ ހާދިސާ ތަކެއް ނޫންކަމަށާއި އާސަންދަ ނިޒާމް ގެ ތެރެއިން ފަރުވާ ލަސްވެ އެތައް ފުރާނައެއް ވަކިވެގެން މިވަނީ ގެއްލި ގޮސްފައި ކަމަށެވެ. މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުކޮށް ދިމާވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށާއި އަތޮޅު ހޮސްޕިޓަލް ނަން ބޯޑް އަޅުވާފަ މި ހުންނަނީ ކީއްވެގެން ކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ.
“މިއަދުގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުއަށް އަޅުގަނޑުމެން ވަރަން އާދޭހާ އެކު ދަންނަވާލަން ބޭނުންވަނީ ދިވެހިރައްޔިތުންނަށް ދުޅަހެޔޮ ދިރުއުޅުމެއް ހޯއްދަވައި ދެއްވަން އެދޭނަމަ ރާއްޖެތެރޭގައި ހަދާފައިވާ އަތޮޅުހޮސްޕިޓަލް ތަކުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަށް ފުރިހަމައަށް ލިބޭނެ ގޮތް ހައްދަވާ ދެއްވާ ބަލިމީހުން ގޮވައިން ދަތުރު ކުރާ އެއަރ އެމްބިއުލަންސް ތަކުގެ ޚިދުމަތް އަތްފޯރާ ފަަށަށް ގެނެސްދީ ރައްޔިތުންގެ ފުރާނަ އާއި ގުޅިފައިވާ ސިއްހީ ނިޒާމް މިއަށްވުރެ ފުރިހަމަ ކޮށް ދެއްވުވުމަށް”ކައުންސިލަރުގެ ޕޯސްޓްގައި ލިޔެފައިވެއެވެ.