English Edition
Dhivehi Edition

ގއ. ވިލިނގިއްޔަށް އުފަން އެރަށު ނޫކޮކާގޭ މާރިޔަތު އަޙްމަދުގެ 6 ވަނަ ދަރިފުޅު، ދިޔާނާ މުޙައްމަދަކީ އެރަށުން ހޮވާލެވޭ މުރާލި ހީވާގި އަންހެން ކަނބަލެކެވެ.

ރަށު ފެންވަރުން ދިޔާނާ ފާހަގަ ކޮށްލެވެނީ ތަޢުލީމީ މަސައްކަތްތެރި ކަނބަލެއްގެ ގޮތުގައެވެ. ދިޔާނާ މުޙައްމަދަކީ ފަސް ނުޖެހި ބަސް ބުނަންކެރޭ އަންހެން ކަނބަލެއްކަން އޭނާގެ ޝަޚުޞިއްޔަތުންވެސް ހެކިދެއެވެ. އެވަރަކުންވެސް ނުފުދެއެވެ. އެއީ ހުނަރުވެރި ލިޔުންތެރިއެއްވެސް މެއެވެ. ދިޔާނާ މުޙައްމަދު އެހެން މީހުންނާއި ތަފާތުވަނީ ގިނަ ދާއިރާތަކަކަށް ޝައުޤުވެރިކަން ދޭ ޒުވާނަކަށް ވާތީއެވެ. އެގޮތުން ލިޔުމާއި، ކުރެހުމާއި، ޤުރުއާން އުނގަންނައި ދިނުމާއި، ޢަރަބި ބަސް އުނގަންނައި ދިނުމުގެ އިތުރުން ކެއްކުމާއި ކޭކު އެޅުން ފަދަ އެތައް ކަމެއްގައި އެނާއަކީ އަރާހުރި ކަނބަލެކެވެ. މިއިން ކޮންމެ ދާއިރާކަށް ބަލާލި ކަމުގައި ވިޔަސް ދިޔާނާގެ މުރާލިކަން ފާހަގަކޮށްލެވެއެވެ.

ދިޔާނާ އަކީ އަމިއްލަ ނަމުގައި “ދިޔާނާސް ކިޗެން” ގެ ނަމުގައި ފުޅާ ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްގެން ހިންގާ ފަރާތެކެވެ. ދިޔާނާސް ކިޗެންއަކީ މުޅި ގއ. އަތޮޅަށް ވެސް ނަން މަޝްހޫރު ބްރޭންޑެކެވެ. އާއްމުގޮތެއްގައި ދިޔާނާގެ މި ބަދިގެއިން އިހުގެ ކާބޯ ތަކެތީގެ ވައްތަރުތައް ނަން ހުސްކޮށް ވިއްކަމުން ދެއެވެ. މާބޮޑު މަޝްހޫރުކަމެއް ލިބިފައިވާ “ދުޢާ ބުރޭންޑް”ގެ ކާށި ތެލަކީ ދިޔާނާސް ކިޗެންއިން އީޖާދުކުރާ ބާވަތްތަކުގެ ތެރެއިން ހޮވާލެވޭ ބާވަތެކެވެ.

ދިޔާނާ ބުނި ގޮތުގައި ކެއްކުމުގެ ދާއިރާއަށް އޭނާ ޝައުޤުވެރި ވެފައިވަނީ އޭނަގެ މަންމަ އާއި މާމައަކީ ވަރަށް މީރުކޮށް ކައްކާ ދެމީހުންނަށް ވާތީއެވެ. މަންމަ އާއި މާމަ ދުނިޔޭގައި މިވަގުތު ނެތްކަމުގައި ވިޔަސް އޭނާވަނީ އެމީހުންގެ ހަދާންތައް އާލާކުރުމުގެ ގޮތުން ދިޔާނާސް ކިޗެންގެ ނަމުގައި ގއ. އަތޮޅާއި މާލޭގައި ދިރިއުޅެމުން އަންނަ ރަށުގެ ފަރާތްތަކަށް ދިޔާނާސްގެ ކިޗަންގެ ހިދުމަތްތައް ފޯރުކޮށްދޭން ފަށާފައެވެ. ދިޔާނާސް ކިޗެން ގެ މީރު ރަހަތަކަށް ދުވަސްކޮޅެއްގެ މެދު ކެނޑުމެއް އޭނާވަނީ ގެނެސްފައެވެ. އެއީ އުނގެނެމުން އަދި އުނގަންނައި ދެއްވަމުން ގެންދަވާ މުދައްރިސަކަށްވާތީ ނަގާލި ” ބްރޭކް” އެކެވެ.

އެހާވަރުން ނިމުނީކީ ނޫނެވެ. ކިތައްމެ އަވަދި ނެތި އުޅެންޖެހުނު ކަމުގައި ވިޔަސް ދުރާލާ އޯޑަރު ދިނުމުން ތަފާތު ރަހަ ތަކުގެ ކޭކު ތައްޔާރުކޮށްލުމަކީ ދިޔާނާއަށް ފަސޭހަ ކަމެކެވެ. ދިޔާނާސް ކިޗެންގެ މީރު ކޭކުގެ ރަހަ، ނިމި ދިޔަ ވޯލްޑްކަޕްތެރޭ ވަރަށް ބޮޑަށް ވައިގައި ހިފިއެވެ. ދިޔާނާއެންމެ ފުރަތަމަ ކޭކު އަޅައި ކޭކް ޑެކަރޭޓް ކުރަން ދަސްކުރީ ޔޫޓިއުބު ބަލައިގެންނާއި ގޫގަލް ސާރޗު ކޮށްގެންނެވެ. އެހެންނަމަވެސް އެކަން ތަރައްޤީ ކުރުމަށް ޓަކައި 2022 ވަނަ އަހަރު އެނާވަނީ ތަފާތު ރަހަ ތަކުގެ ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް ހަދާފައެވެ.

އަބަދުވެސް އާކަންތައްތައް ދަސްކުރުމަށް ޝަޢުޤުވެރިކަން ހުންނަ ދިޔާނާ އަކީ ޒަމާނާ އެއްގޮތައް އެކަންކަން ތަރައްޤީކޮށް ދަމަހައްޓަންވެސް މަސައްކަތް ކުރާ މީހެކެވެ. އުވެމުން ނެތެމުންދާ އިހުގެ ކަންތައްތައް ތަކާއި އިހުގެ ކެއިންބުއިންތަކުގެ އަސްލު ރަހަ މިހާރުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް އޭނާ ޚާއްސަ ސަމާލުކަމެއް ދެއެވެ. އޭނާ ގަބޫލު ކުރާގޮތުގައި ކަމެއް ކުރާގޮތް އުނގެނި ދަސްކުރުމަކީ އަމިއްލަ ނަފްސާއި މުޖުތަމައުއަށް ވެސް އެންމެ ފައިދާ ހުރިގޮތެވެ. ގިނަ ގޮންޖެހުންތަކަކާއެކުވެސް އޭނާވަނީ އެހުރިހާ ހަރުފަތްތަކެއް ގިރާކޮށް ތަޢުލީމާއި އަތްތެރި މަސައްކަތުގެ ރޮނގުން ކުރި ހޯދާފައެވެ.

ދިޔާނާ ހޯދާފައިވާ އިތުރު ހުނަރު ތަކަށް ބަލާއިރު، ޤާރީ ކަމުގެ ސަނަދާއި، ޤުރުއާންޓީޗިން، އެރެބިކް ލެންގުއޭޖުގެ ކޯސްތައް، އިންގްލިޝް ލެންގްއޭޖް ކޯސްތައް، ޅެންވެރިކަން، ކޮމްޕިއުޓަރ އެންޑް އޮފީސް މެނޭޖް މެންޓް، ޑިޖިޓަލް ޓީޗަރ، ޖާނަލިޒަމް، އާރޓް. އާރޓް އެންޑް ފެބްރިކް ޕެއިންޓް، ބީޑްސް، ފެހުން، ކުކަރީ ، އަދި ކޭކު ކޯސްތައް ފަދަ ތަފާތު ދާއިރާތައް ހިމެނެއެވެ.

ދިޔާނާ ބުނިގޮތުގައި ޓީޗިން ދާއިރާ ޚިޔާރުކޮށްފައިވަނީ އެ ދާއިރާއަށް މާބޮޑު ޝައުޤެއް ހުރެގެނެއް ނޫނެވެ. އަބަދުވެސް ސައިކޮލޮޖީ އަށް ޝައުޤުވެރިކަން ހުންނަ ދިޔާނާ ޓީޗިން ހަދަން މެދުވެރިވި ސަބަބަކަށްވީ ދުނިޔެއިން އަލްވަދާޢު ކިޔައިފައިވާ އޭނާގެ މަންމަ އާއި މާމަގެ ހުވަފެން ހަޤީޤަތަކަށް ހެދުމުގެ މާތް މަޤުސަދުގައެވެ. އެއާއެކު އޭނާމިހާރުވަނީ އެދާއިރާއަށް މާބޮޑަށްވެސް ހިތްޖެހިފައެވެ. އުނގަންނައި ދެއްވައިފައިވާ މުދައްރިސުންގެ ލޯތްބާއި އަޅާލުމާއި އޯގާތްތެރިކަމަކީ މިދާއިރާއަށް އޭނާ ޝައުޤުވެރިކަން އުފެދުނު އެންމެ ބޮޑު އެއް ސަބަބު ކަމުގައި ދިޔާނާ ދެކެއެވެ.

މިހާރު ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާ އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ ހިތުން ކުރާ މަސައްކަތަކީ ޤުރުއާނާއި ޢަރަބި ބަސް އުނގެނުމާއި އުނގަންނައި ދިނުމެވެ.

ދިޔާނާ ދެކޭ ގޮތުގައި ކުޅެން ގެންގުޅޭ ފޯނަކީވެސް އޭނާގެ މުދައްރިސެކެވެ. އަދި އޭނާ އުނގަންނައި ދެމުން އަންނަ ކުދިންނަކީ އޭނަގެ ‘ ބަގީޗާގައި ފޮޅިފައިވާ މީރުވަސް ދުވާ މާތަކެކެވެ. ކިޔަވައި ދެއްވުމުގައި އޭނާ އެންމެ ބޮޑު އިސްކަމެއްދެނީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހުރިހާ ކުދިންނަށް ހަމަހަަމަ އުސޫލަކުން އުނގަންނައި ދިނުމުގެ ސިޔާސަތެކެވެ. އޭނާގެ އެންމެ ބޮޑު އަޒުމަކީ ޤުރުއާނާއި ޢަރަބި މާއްދާއަށް ދަރިވަރުންގެ ހިތްތަކުގައި ޝައުޤުވެރިކަން އުފައްދައި ދަރިވަރުން ޤުރުއާނުގެ ޢިލްމު އުނގެނި ދަސްކުރުމަށް ލޯބި ޖެއްސުމެވެ. އޭނާ ދެކޭ ގޮތުގައި ކަމެއް ނޫނީ އެއްޗެއް ދެކެ ލޯބި ވެވިއްޖެނަމަ އެކަމެއް ކުރާ ހިތުން އިންސާނާ ކުރާނެއެވެ.

ދިޔާނާ ބުނި ގޮތުގައި’ ﷲ ގެ އިރާދަފުޅުން ވަރަށް އަވަހަށް ދީނީ އެކިއެކި ހަރަކާތްތަކާއި ޤުރުއާނާއި ޢަރަބި ބަސް އުނގަންނައި ދޭ ކުލާހެއް “تحفيظ القرآن ” ގެ ނަމުގައި ހުޅުވިގެންދާނެ އެވެ. އަދި އެތަން ހުޅުވިގެންދާނީ ޒަމާނާ އެއްގޮތައް ޑިޖިޓަލްކޮށް ކިޔަވައިދޭނެ ވަސީލަތްތަކާއި އެކުގައެވެ.

ދިޔާނާ އަށް މިހާތަނަށް ލިބިފައިވާ ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ އޭނާގެ ފިރިމީހާ ‘ޒަހީން ޢަބްދުލް ޤައްޔޫމް’ އެވެ. އަދި ދެފަރާތުގެ އާއިލާގެ މެމްބަރުންނާއި ޒަހީނުގެ ގާތް ދެތިން ރައްޓެހިންނާއި އޭނާގެ ވަރަށް ގާތް ދެ އެކުވެރިއެއްގެ އެއްބާރު ލުން ވަރަށް ފުރިހަމައަށް އަބަދުވެސް ލިބެމުންދާކަން ދިޔާނާ ފާހަގަ ކުރިއެވެ.

ދިޔާނާ ހުރިހާ އަންހެން ކަނބަލުންނަށް ދޭން ބޭނުންވާ މެސަޖަކީ މީހަކު ކިޔާފާނެ އެއްޗަކަށް ބުނެފާނެ ބަހަކަށް ދެރަވެ މާޔޫސް ނުވާށެވެ. ހާސްވެ ފިކުރު ބޮޑު ނުކުރާށެވެ. ކުރިޔަށްދާން އެދޭނަމަ ފަސްއެބުރި ނުބަލާ ކުރިއަށް ދާށެވެ. ލިބިފައިވާ މިންވަރަށް އަބަދުވެސް ޝުކުރުކުރާށެވެ. ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ﷲ އަށް ހިތް ނިޔަތް ޚާލިސް ކުރާ ހާލުގައި އެކަމެއްކުރާށެވެ. އަދި ތަޤްވާވެރިކަންމަތީ ލެއްވުން އެދި ގިނަގިނައިން ﷲ އަށް ދުޢާ ދަންނަވާށެވެ. ﷲ އަށް ކިޔަމަންތެރިވެ އެކަލާނގެއަށް ބަރޯސާ ވާށެވެ.

މިގެނެސްދިނީ އަންހެނުންގެ ދުވަހަށް ޚާއްސަކޮށްގެން ގއ. އަތޮޅުން ހޮވާލި ނަމޫނާ ޝަޚްޞިއްޔަތެއްގެ މަޢުލޫމާތެވެ. އަންހެނުންގެ ދުވަހުގެ ތަހުނިޔާ އޭއޯ ނިއުސްއިން ދިޔާނާއަށާއި ރާއްޖޭގެ އެންމެހާ ކަނބަލުންނަށް އަރިސްކުރަމެވެ.