އޭއޯ ނިއުސް އިން ކޮންމެ އަހަރެއްގެ ރަަމަޟާން މަހަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތުގެ މި އަހަރުގެ (އޭއޯ 7 ވަނަ މަދަޙަ) މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އޭއޯ ނިއުސް އާއި ބައިސްކޯފް ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދާ ގޮތަށެވެ.
މިފަހަރުގެ މުބާރާތުގެ ތީމަކީ “އިސްލާމީ ޘަޤާފަތާއި ރަމަޟާން މަހާއި ޢީދު” އެވެ. މުބާރާތުގައި ހުށަހަޅާ ހުށަހެޅުންތައް މި ތީމާއި ގުޅެން ވާނެއެވެ. އަދި މި ތީމުގެ ދަށުން ތައްޔާރުކޮށްފައިވާ އަމިއްލަ އާ އުފެއްދުންތަކަށް އިސްކަން ދެވޭނެއެވެ. އެގޮތުން މުބާރާތުގައި ހުށަހަޅާ މަދަޙަ ތަކުގެ ތެރެއިން އެންމެ މޮޅު 10 މަދަޙަ ހިމެނޭ މަދަޙަ އަލްބަމެއް ބައިސްކޯފުން އެކުލަވާލާނެއެވެ. މިއަލްބަމް ތައްޔާރުކުރުމުގައި ކަނޑައެޅޭ ތީމުގެ ތެރެއިން އަމިއްލަ އާ އުފެއްދުން ތަކަށް އިސްކަން ދެވޭނެއެވެ.
މިއީ ކުޑަކުދިންގެ ހިތްތަކުގައި ދީނީ ރޫހު އާލާ ކުރުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ހަމަ ކޮންމެ ކުއްޖަކަށް އެ ކުއްޖެއްގެ ހުނަރު ކުރިއެރުވުމަށް ފުރުސަތު ހޯދައި ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މީގެ އިތުރުން އޮންލައިން ޕްލެޓްފޯމެއްގައި، އެކުއްޖެއްގެ އަމިއްލަ ރަށުގައި ހުރެގެން މިފަދަ މުބާރާތެއްގައި ބައިވެރިވެ ވާދަކުރުމުގެ ފުރުސަތު ހޯދައިދެވުމަކީ ވެސް މުބާރާތުގެ އެއް މަގުޞަދެވެ.
އޭއޯ އިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މި މުބާރާތަކީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތެވެ. 2015 ވަނަ އަހަރު އައްޑޫސިޓީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފެށި މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް 2021 ވަނަ އަހަރުން ފެށިގެން މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިން މުބާރާތެއްގެ ގޮތުގައެވެ.
ކޮންމެ އަހަރަކުވެސް ބޮޑެތި އިނާމު ހުށަހެޅިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިހާތަނަށް ވަނަ ތަކަށް އައި ކުދިންނަށް ޢުމްރާ ދަތުރު ތަކާއި ޗައިނާ، އޮސްޓްރޭލިއާ އަދި ދުބާއީ ސްޓަޑީ ޓުއަރ ތައް ހޯދައިދީފައިވާނެއެވެ.
މި އަހަރުގެ މުބާރާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް މުބާރާތުގައި ބައިވެރިވި ކަމުގެ އީ ސެޓްފިކެޓެއް ދޭ ގޮތަށް ހަމަޖެހިފައިވާއިރު މުޅި މުބާރާތުން 1ވަނަ، 2 ވަނަ، 3 ވަނަ އާއި ކޮންމެ ޢުމުރުފުރައަކުން 1ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިއީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ވުމާއެކު މި މުބާރާތަށް ގިނަ ފަރާތްތަކަކުން އެހީތެރިކަން ފޯރުކޮށްދެއްވަވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މި އަހަރުގެ މުބާރާތުގައިވެސް ޓައިޓަލް ސްޕޮންސަރ، މެއިން ސްޕޮންސަރ، ކޯ ސްޕޮންސަރގެ ގޮތުގައި މުބާރާތަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.
އޭއޯ ނިއުސް އިން އިންތިޒާމު ކޮށްގެން އެންމެ ފަހުން ކުރިއަށް ގެންދިޔަ މަދަޙަ މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދާފައިވަނީ ފ. ފީއަލީ ނަދީލާމަންޒިލް، އައިޝަތު ޔާނާ އަހްމަދެވެ. މުބާރާތުގެ ދެވަނަ ހޯދާފައިވަނީ 12 އަހަރުން ދަށުގެ ޢުމުރުފުރައިން ބައިވެރިވި މ. ސަރުމާގެ އައިޝަތު ލަޢާލީ ޢަލީ އެވެ. އަދި މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ 16 އަހަރުން ދަށުގެ ބައިން ބައިވެރިވި ގދ. ތިނަދޫ ޗާނދު، މުޝާތު މުސްތާގެވެ.
މި އަހަރުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކުން ގޫގުލް ފޯމަށް ވަދެވޭނެއެވެ. މި ފޯމު އޭއޯ ނިއުސް އަދި ބައިސްކޯފް ގެ ފޭސްބުކް ޕޭޖުން ވެސް ފެންނަން ހުންނާނެއެވެ. އަދި މުބާރާތުގެ ގަވައިދު އެ ފޯމުން ލިބެން ހުންނާނެއެވެ.
https://docs.google.com/forms/d/1EfJyVwJFwpSp7fMMjWPcaSdFuizsL7iB57CRkjiShn0/edit
މި ފަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.