English Edition
Dhivehi Edition

ބައެއް ފަހަރު ތަރައްގީގެ މަސައްކަތްތައް ރޭވޭ އެކިއެކި ގޮތްގޮތުންނާއި ރޭވޭ އަވަސްމިނުގެ ސަބަބުން ވެސް ރަށްރަށުގެ ތިމާވެށްޓަށް ނޭދެވޭ ކަންކަން ކުރިމަތިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ، ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ރާވާއިރުގައި ޚާއްޞަކޮށް އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ރާވާއިރުގައި ރަށްރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް އެންމެ ބޭނުންވާ ކަންކަން ނުބަލާ މަޝްރޫޢުތައް ފަރުމާކުރެވޭކަން ފާހަގަ ކުރައްވާ މިނިސްތަރ ވިދާޅުވީ މޫސުމަށް މިއަންނަ ބަދަލުތަކާއި ގުޅިގެން ޤައުމުތަށް ހޭނޭނީ ކިހާމިންވަރަކަށްތޯ ބަލާއިރުގައި، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސްގައި ނުހިފެހެއްޓިއްޖެނަމަ ރާއްޖޭގެ އެންމެ މުހިންމު ގުދުރަތީ އެސެޓު (މިލްކިއްޔާތު) ކަމުގައިވާ ރާއްޖޭގެ ރަށްތަށް ވަށައިގެންމިވާ ފަރުތައް ނެތިދިއުމުގެ ބިރު އެބައޮތް ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށަކީ ރައްކާތެރި ރަށެއްގެ ގޮތުގައި ހައްދަވައިދެއްވުން ކަމަށް ވެސް މިނިސްޓަރ ޝައުނާ ވަނީ ވިދާޅުވެފައެވެ.