English Edition
Dhivehi Edition

ޓެކްނޮލޮޖީ ކުރިއަރަމުންދާއިރު، މުޖުތަމައުގެ ކޮންމެ ފަރުދަކީ ވެސް ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބޭ އަދި ޓެކްނޮލޮޖީއަށް ބީރައްޓެހި ނޫން މީހަކަށް ވާން ޖެހޭ ކަމަށް އެންވާރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ދުނިޔޭގެ ޓެެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން ދެއްވި ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ ޓެކްނޮލޮޖީގެ ފަސޭހަކަން އިހްސާސް ކުރާ އިރު، ހަމަ މި ފަސޭހަތަކުގެ ތެރެއިން ކޮށްފާނެ ނުރަނގަޅު ކަންކަމަށް ވެސް ވަރަށް ސަމާލު ވާން ޖެހޭ ކަމަށެވެ.

އެހެންކަމުން ޑިޖިޓަލް ޓެކްނޮލޮޖީ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ރައްޔިތުން އަހުލުވެރި ކުރުވާ، ޓެކްނޮލޮޖީގެ ތެރެއިން ކުރިމަތިވެދާނެ އެހެނިހެން ކަންމުން ސަލާމަތްވެ، ތިބޭނެ ގޮތްތައް އެންމެހާ ފަރާތްތަކަށް އަންގައިދިނުމަކީ ކުރަންޖެހޭ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެކިއެކި ސްކޭމްތަކުގެ ސަބަބުން ރައްޔިތުންގެ އަތުގައި ހުންނަ ފައިސާ ގެއްލޭ މައްސަލައާ ގުޅިގެން ޝައުނާ ވިދާޅުވީ ސްކޭމްތައް ހުއްޓުވާ، މުވާސަލާތީ ޚިދުތްތަކާއި ބޭންކިންގް ކިދުމަތްތައް ބޭނުން ކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން ކަމާއިބެހޭ ފަރާތްތަކުގެ މަޝްވަރާކޮށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ވެސް އެދެވޭ ނަތީޖާ ފެންނަމުންދާ ކަމަށާއި މިއަހަރުގެ ތެރޭގައި އަޅަން ހަމަޖައްސާފައިވާ އިތުރު ފިޔަވަޅުތަކާއެކު، މި މައްސަލަ ވަރަށް ބޮޑަށް ހައްލުވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.