English Edition
Dhivehi Edition

ކުނީގެ މައްސަލަ ހައްލުވާނީ ހަމައެކަނި މެޝިންތަކެއް ގާއިމުކުރެވިގެން ނޫން ކަމަށާއި އެއީ ގޭބިސީ އާ ހިސާބުން ފެށޭ ކަމެއް ކަމުގައި އެންވަޔަރްމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

“ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓް ޓު ވެލްތު” އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގޭގައި އުފެދޭ ކުނި ބައިކޮށްގެން ނެރެ ކައުންސިލްތަކުން ނުވަތަ ވެމްކޯއިން އެ ކުނި ގަވާއިދުން ގެބިސީތަކުން ކަލެކްޓުކޮށްގެން ކަމަށެވެ.

“ކުނި ކޮށީގައި އެތަކެތި ބަހައްޓައިގެން ކުދިކޮށް، މުގުރައި އަދި ރަށުން ބޭރު ކުރެވެންދެން ބެހެއްޓޭނެ އިންތިޒާމް ހުންނަން ޖެހޭ. ބަދިގެ ކުންޏާއި ފަތްކުނި މެނޭޖުކުރާނެ ގޮތްތަކެއް ވެސް ހުންނަން ޖެހޭ.” މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝައުނާ ވިދާޅުވީ ކުނީގެ މައްސަލައަކީ ރައްޔިތުންނާއި ކައުންސިލްތަކާއި ވެމްކޯ އަދި ސަރުކާރުގެ އިދާރާތައް އެއްކޮށް މަސައްކަތްކޮށްގެން ހައްލުކުރެވެން އޮތް ކަމެއް ކަމަށެވެ.

މި މަސައްކަތަކީ ގައުމީ ފެންވަރެއްގައި ހައްލެއް ހޯދުމަށް ބޭނުންވެފައިވާ މުހިންމު މައްސަލައަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކެއް ގުޅިގެން ކުރެވިފައިވާ ނަމޫނާ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.