English Edition
Dhivehi Edition

ރާއްޖެއަކީ ކުޑަ ޤައުމެއްކަމުން އުފެއްދުންތެރި އާ ޓެކްނޯލޮޖީގެ ޢީޖާތުތައް ޓެސްޓުކުރުމަށް ބޭނުންހިފޭނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ވަރލްޑް ގަވަރމަންޓް ސަމިޓް 2022 ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސެޓެލައިޓާއި ޑްރޯން ފަދަ ޓެކްނޯލޮޖީގެ އެހީގައި ރާއްޖޭގެ އައްސޭރިފަށާއި ފަރުތަކުގެ ގުދުރަތީ ޙާލަތު ދެނެގަނެ މިފަދަ މަޢުލޫމާތުގެ އެހީގައި އެނގިތިބެ ކަމާގުޅޭ ނިންމުންތައް ނިންމޭނެ ކަމަށެވެ.

ރާއްޖެ ހިމެނޭހެން ދުނިޔޭގެ ތަރައްޤީގައި ޓެކްނޯލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާކަން ހާމަކުރައްވައި، މިނިސްޓަރ ޗައުނާ ވަނީ ރާއްޖޭގެ ސަރުކާރުން ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމަކަށް ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތައް އަލިއަޅުއްވާލައްވާފައެވެ. އެކަމަނާ ވިދާޅުވިގޮތުގައި، ވިލުންވެރި މުޖުތަމަޢެއްޤާއިމުކުރުމަށް ޓެކްނޯލޮޖީ އަދި އެކަމާ ގުޅޭ މަޢުލޫމާތު އެނގުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މީހުން ބިނާކުރުމުގެ ކަންކަން ކުރިޔަށްދާގޮތަށް އަލިއަޅުވާލައްވައި، ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލެވޭގޮތަށް އަމާޒުހިފައިގެން މީހުން ބިނާކުރުމުގައި އެހީތެރިކަމާއި ބައިވެރިވުން ބޭނުންވާކަން ޝައުނާގެ ވާހަކައިގާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން ފެށިގެން ސަރުކާރުން ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތް ފަށާފައިވާތީ ކޯވިޑް ބަލިމަޑުކަން ކުރިމަތިވުމުން ރާއްޖެ އެ ޙާލަތުން އަރައިގަތުމަށް މަގުފަހިވެގެންދިޔަކަން ފާހަގަކުރައްވާފައެވެ. އަދި ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރާއްޖޭގެ އާބާދީގެ 90 އިން ސައްތައަށް ވެކްސިން ދީފައިވާކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން ދާދިއުން އެއީ އެކަމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއްކަން ޝައުނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ބެހިފައި ހުރިގޮތުން ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތާއި ތަޢުލީމު ހުރިހާ ރަށަކަށް އެއް ހަމައެއްގައި ފޯރުކޮށްދިނުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއަކީ ވިލުންތެރިކަމަށް އިސްކަންދޭ ޤައުމަކަށް ވާންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ވިލުންތެރިކަން އިތުރުކުރުމަށް މުސްތަޤްބަލުގައި ކުރިމަތިވެދާނެ ކަންކަމަށް މީހުން ބިނާކޮށް ޒުވާން ޖީލު ތައްޔާރުކުރަންޖެހޭ ކަމަށެވެ.

މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔޫ.އޭ.އީގެ ދުބާއީއަށް ވަޑައިގެންނެވި ދިވެހި ވަފުދުގެ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.