ދިވެހިރާއްޖެ މޫސުމީ ބަދަލުތަކާއި ކުރިމަތިލާއިރު، މި ޕްރޮޖެކްޓަކީ އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ލިބޭ އަގުހުރި ފައިދާކުރުވަނިވި ޕްރޮޖެކްޓެއް ކަމާއިމެދު އެއްވެސް ޝައްކެއް ނެތް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ޔޫއެސް އެއިޑްގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް މޯލްޑިވްސް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމުތަކަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އެންމެ ފުރަތަމައަށް އަދި އެންމެ ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ގައުމުތައް ކަމަށެވެ.
“މި ޕްރޮޖެކްޓަކީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލިއްޔަތު ކަމާއި އުފެއްދުންތެރިކަމުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ފަހި ވިސްނުމާއި އިތުރު ޚިޔާލުތައް ހިއްސާކުރުމަށް ލިބިގެންދާ އިތުރު ފުރުސަތަކަށް ވެގެންދާނެކަމަށް އުންމީދުކުރަން.” މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ޔޫއެސް އެއިޑްގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް ދިވެހިރާއްޖޭގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ލިބޭނެކަމުގެ ޔަޤީންކަން ވެސް މިނިސްޓަރ ދެެއްވިއެވެ.