ކޮވިޑް-19ގެ ސަބަބުން ސައުދީ އަރަބިއާގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީފިއެވެ.
އެގައުމުގެ ނޫސްތަކުން ބުނެފައިވަނީ އެ ގައުމަށް ދާއިރު ޕީސީއާރް ޓެސްޓް ހަދަން މިހާރުނުޖެހޭނެ ކަމަށެވެ. އަދި ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރު ނޫން ކަމަށެވެ.
މީގެ އިތުރުން ދެ ހަރަމްފުޅުގައި ގައި ދުރުކޮށް ސަފު ހަދައިގެން ނަމާދުކުރުން ވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.
އެހެންނަމަވެސް ދެ ހަރަމްފުޅުގައި ވެސް އުޅެން ޖެހޭނީ މާސްކް އަޅައިގެން ކަމަށާއި މީހުން އެއްވެ އުޅޭ ބަންދު ތަނަކަށް ވަންނަ ނަމަ ވެސް މާސްކު އަޅަން ޖެހޭނެ ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.
އެގައުމުގެ އިންޓީރިއާ މިނިސްޓްރީގެ އިއުލާނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ސައޫދީ އަށް އެތެރެވުމަށް ފަހު ކަރަންޓީނުގައި ވެސް މިހާރު ހުންނަން ނުޖެހޭނެ ކަމަށާއި ހާމަކަން ބޮޑު ތަންތަނުގައި ބާއްވާ އެއްވުންތަކާއި އިވެންޓްތަކުގައި ގައިދުރުކަން ބެހެއްޓުމަށް އަންގާފައިވާ އެންގުން ވެސް އުވާލާފައުވާ ކަމަށެވެ.
މި ފިޔަވަޅުތައް އުވާލާފައި ވާއިރު ސައޫދީން ވަނީ އެ ގައުމުގައި ހުއްޓާ ކޮވިޑް ޖެހިއްޖެ ނަމަ ފަރުވާގެ ކަންކަން ކަވަރުކޮށްދޭނެ އިންޝޫރެންސް ޕެކޭޖެއް ވިޒިޓް ވިސާގައި އެތެރެވާ އެންމެންނަށް ލާޒިމްކޮށްފައެވެ.