ސައުދީ މާކެޓުގައި ރާއްޖެ އިތުރަށް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމަށް ސައުދީ އަރަބިއްޔާގައި މި މޭ މަހު ކުރިއަށްދިޔަ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރ، ރިޔާދު ޓްރެވަލް ފެއަރ (އާރޓީއެފް) ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) ބައިވެރިވެއްޖެއެވެ.
ރިޔާދް ޓްރެވަލް ފެއަރ ކުރިއަށް ދިޔައީ މޭ 22 އިން މޭ 24 ގެ ނިޔަލަށެވެ. މި ފެއަރގައި އެމްއެމްޕީއާރުސީ އާއެކު 15 ކުންފުންޏެއް ތަމްސީލުކުރާ 26 އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވިއެވެ.
މި ފެއަރގައި އެމްއެމްޕީއާރުސީއިން ބައިވެރިވުމުގެ މަގުސަދަކީ ސައުދީ މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާކޮށް، އެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ހަލާލް ޓޫރިޒަމް ޕްރޮމޯޓްކޮށް، މެދުއިރުމަތީގެ ލަގްޒަރީ ސެގްމަންޓަށް އަމާޒުކޮށް ރާއްޖެ ޕްރޮމޯޓް ކުރުމެވެ.
ރިޔާދް ޓްރެވަލް ފެއަރ 2023 އަކީ ސައުދީ އަރަބިއްޔާގެ ވެރި ރަށް ރިޔާދުގައި ކޮންމެ އަހަރަކު ކުރިއަށް ގެންދާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ހަރަކާތުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެންމެ ބޮޑެތި ކުންފުނިތައް ބައިވެރިވެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ، އަދި ލިބިގަންނަ ގިނަ ފަރާތްތަކުން މި ފެއަރގައި އެގްޒިބިޓްކޮށް، ފެއަރ އަށް ޒިޔާރަތް ކުރެއެވެ.
މި ފެއަރއަކީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ސާވިސްތައް ދައްކާލުމަށާއި ތަފާތު އިންވެސްޓަރުން އެއްތަނަކުން ބައްދަލުވާ އެންމެ ބޮޑު އެއް ހަރަކާތެވެ. މީގެ އިތުރުން، މިއީ އައު ހިދުމަތްތަކާއި ޕްރޮޑަކްޓްތައް ތައާރަފްކުރުމަށް ވަރަށް ރަނގަޅު ފެއަރއެކެވެ. މި އިވެންޓުގައި ކޯޕަރޭޓް ޓްރެވަލް ޑިސިޝަން މެކެރުންނާއި، އިންވެސްޓަރުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި، ވީއައިޕީ ކްލައިންޓުން ތަމްސީލުކުރާ ޓްރެވަލް އޭޖެންޓުން އަދި އިންޑަސްޓްރީގެ ތަޖުރިބާކާރުން ބައިވެރިވެއެވެ.
އެމްއެމްޕީއާރުސީއިން މި ފެއަރގައި ހެދި ސްޓޭންޑަކީ ދިވެހިރާއްޖޭގެ އަމާންކަމާއި ރީތިކަން ދައްކާލުމޮށް ހާއްސަކޮށް ފަރުމާކުރި ސްޓޭންޑެކެވެ. މި ސްޓޭންޑް މެދުވެރިކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ސެގްމެންޓްތައް ދައްކުވާލަދިނެވެ. ރާއްޖޭގެ ލަގްޒަރީ، އާއިލީ އަދި އެޑްވެންޗަރ ޗުއްޓީތަކުގެ އިތުރުން ދިވެހިރާއްޖޭގެ ހަލާލް އޮފަރިންގތައް ފަދަ ސެގްމެންޓްތައް މި ސްޓޭންޑުން ފެނިގެން ދިޔައެވެ.
ކޮންސިއުމަރ ކުއިޒަކާއެކު ހާއްސަ އިނާމުތައް ލިބޭ ރެފްލްސް ޑްރޯ އަކާއި، ދިވެހި ކެލިގްރަފީ ފަދަ ދިވެހި ސަޤާފީ ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތާއި، ކުޅިކާޖާ، އައްޑޫ ބޮނޑި އަދި ތެލުލި ބަނބުކެޔޮ ފަދަ މީރު ދިވެހި ކާނާ ރަހަބަލާލުުގެ ފުރުސަތު ވެސް މި ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކަށް ލިބޭނެ އިންތިޒާމް، ސްޓޭންގައި ހަމަޖެހިފަ ހުއްޓެވެ.
ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ ގޮތުގައި އެމްއެމްޕީއާރުސީއިން ދިވެހިރާއްޖެ މާކެޓްކޮށް، މި އިވެންޓްގައި ރާއްޖޭގެ ތަފާތު ޕްރޮޑަކްޓްތަކާއި ތަޖުރިބާތަކާއި ސެގްމަންޓްތައް އިޝްތިހާރުކުރިއެވެ. ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ތަފާތު ތަޖުރިބާތައް ވެސް މި ހަރަކާތުގައި މާކެޓް ކުރިއެވެ. އަދި ރާއްޖޭގެ އެންމެ ފަހުގެ ޓްރެވަލް ގައިޑްލައިންތަކާއި، މުހިންމު މައުލޫމަތުތައް ފެއަރއަށް ޒިޔާރަތްކުރި ފަރާތްތަކާ ހިއްސާކުރިއެވެ.
މީގެ އިތުރުން، މި ފެއަރގައި އެމްއެމްޕީއާރުސީގެ އިންޑަސްޓްރީ ޕާޓްނަރުންނަށް މެދުއިރުމަތީގެ ޓްރެވެލް ޓްރޭޑާ ބައްދަލުކޮށް ވިޔަފާރީގެ އައު ގުޅުންތައް ޤާއިމުކުރުމަށް ފުރުސަތު ލިބިގެންދިޔައެވެ. ރިޔާދު ޓްރެވަލް ފެއަރގައި ބައިވެރިވީ އެމްއެމްޕީއާރުސީއިން މި މާކެޓަށް ގެންގުޅޭ މާކެޓިންގ ސްޓްރެޓަޖީގެ ދަށުން، މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެ އައުމަށް ފަތުރުވެރިން ބުކިން ހަދާ މިންވަރު އިތުރުކޮށް، އެރައިވަލްސް އިތުރުކުރުމުގެ މަޤްޞަދުގައެެވެ.
30 އޭޕްރީލް 2023ގެ ނިޔަލަށް މެދުއިރުމަތީ މާކެޓުން 25،453 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އަދި ސައުދީ އަރަބިއްޔާއަކީ މި އަހަރު މިހާތަނަށް ދިވެހިރާއްޖޭގެ 19 ވަނަ ޓޮޕް ސޯސް މާކެޓެވެ. އެމްއެމްޕީއާރުސީއިން ދަނީ މި މާކެޓުގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި، ޖޮއިންޓް މާކެޓިންގ ކެމްޕޭންތަކާއި ވެބިނާތަކާއި ބޮޑެތި ފެއަރތަކުގައި ބައިވެރިވުމާއި ރޯޑްޝޯތައް ބޭއްވުމާއި ފެމިލިއަރައިޒޭޝަން ދަތުރުތައް ހޯސްޓުކުރުން ހިމެނެއެވެ.