English Edition
Dhivehi Edition

ސައޫދީގައި ޒަމްޒަމް ފެން ބަންދުކުރާ މިންވަރު އިތުރުކޮށްފިއެވެ.

އެ ގައުމުގެ ނޫސްތަކުގައި ބުނާގޮތުން ކިންގް އަބްދުﷲ ބިން އަބްދުލް އަޒީޒު ޕްރޮޖެކްޓު ފޯ ޒަމްޒަމް ވޯޓަރ ޑިސްޓްރިބިއުޓުން ޒަމްޒަމް ފެން ފުޅީގައި ބަންދުކުރާ މިންވަރު އިތުރުކުރީ އެ ފެން ބޭނުންވާ މީހުންގެ ޑިމާންޑް ބޮޑުވުމެވެ. ޚާއްސަކޮށް ރަމަޟާން މަހު ޒަމްޒަމް ފެން ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ބޭނުންވާތީއެވެ.

ސައޫދީ ނޫސްތަކުން ބުނެފައިވަނީ މިހާރުކޮންމެ ދުވަހަކުވެސް ފަސް ލީޓަރުގެ ދެ ލައްކަ ފުޅި ބަންދުކުރާ ކަމަށާއި ފެކްޓްރީގައި ދެ މިލިއަނަށް ވުރެ ފެންފުޅި ރައްކާކޮށްފައި ބެހެއްޓޭނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހު ސައޫދީން އަންނަނީ އެކި ގައުމުތަކަށް ވެސް ޒަމްޒަމް ފެން ހަދިޔާ ކުރަމުންނެވެ. އަދި އުމްރާއަށް ދާ މީހުންނަށާއި ހައްޖު މޫސުމުގައި ދާ މީހުންނަށް ވެސް ޒަމްޒަމްފެން ހަދިޔާ ކުރެއެވެ.

އެހެންނަމަވެސް މިހާރަކަށް އައިސް ޑިމާންޑާއި އެއްވަރަށް ފޯރުކޮށް ނުދެވޭކަމުގެ ޝަކުވާ އަންނަނީ ގިނަ ބަޔަކު ކުރަމުންނެވެ.