ޕްރިންސިޕަލުންގެ ޒިންމާގައި ގޮންޖެހުންތައް ގިނަ ކަމަށާއި އެކަމަކު ރަނގަޅަށް ކުރެވިއްޖެނަމަ ދެމިހުންނަނިވި ހިތްހަމަޖެހުމެއް ލިބޭކަމެއް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޕްރިންސިޕަލުންގެ ސްކޮލަރޝިޕް އެވޯޑްކުރުމަށް ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުން ސްކޫލްތަކުގެ ވެރިންނަކީ ކްލާހުގައި ކިޔަވައިދޭ މުދައްރިސުން ފިޔަވައި ދަރިވަރުންގެ ތަޢުލީމަށް އެންމެ ހެޔޮ ބަދަލެއް ގެނެވޭނެ ފަރާތްތައް ކަމަށެވެ.
“ނާޒިރުކަމާ ކުރިމަތިލައްވާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލާނީ ތިޔަ ކުރިމަތިލެވެނީ ގަދަރުވެރި ޒިންމާ ބޮޑު މަސައްކަތަކާއޭ. އެ ޒިންމާގެ ބޮޑުކަން އަބަދުވެސް ތިޔަބޭފުޅުން ހަނދާނުގައި ބަހައްޓަންވާނޭ. ސްކޫލް ހިންގާ ވެރިއެއްގެ ހައިސިއްޔަތުން ތިއިން ކޮންމެ ބޭފުޅަކީ ސްކޫލުގެ ކިޔަވައިދިނުމުގެ ޕްރޮގްރާމް ފަހިކޮށް ކުރިއަށްގެންދެވޭނެ ވެށި ސްކޫލުގައި އުފައްދާ ފަރާތަކަށް ވާންވާނޭ.” މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ބެލެނިވެރިންނާއި ޢާއިލާތަކާއި ގުޅުންތައް ޤާއިމުކޮށް ދަމަހައްޓާ ފަރާތަކަށްވާންވާނޭ ކަމަށެވެ.
ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތް އެކި ދުވަސްވަރު އެކިގޮތްގޮތަށް ކުރެވިފައިވާކަން ފާޖގަކުރައްވާ ޑރ. ޢައިޝަތު ޢަލީ ވިދާޅުވީ ދެމެހެއްޓެނިވި އަދި ރޭވުންތެރިގޮތެއްގައި މިހައިތަނަށް އެ މަސައްކަތްކުރެވިފައި ނެތުމުގެ ނަތީޖާއަކީ ސަރުކާރުން ހިންގާ 216 ސްކޫލަށް ހަމަވާވަރަށް ތަމްރީން ލިބިފައިވާ ޕްރިންސިޕަލުން ހޯދުމަށް ދަތިވެފައިވާކަން ކަމަށެވެ.
އެހެންކަމުން އަލަށް ތަޢާރަފުކުރެވުނު މި ސްކޮލަރޝިޕް ޕްރޮގްރާމުގެ ސަބަބުން މިހާރު ދާއިމީ ޕްރިންސިޕަލުން ނެތް އަދި ބިދޭސީ ޕްރިންސިޕަލުން ތިބި ސްކޫލްތަކަށް ފެންވަރު ރަނގަޅު ތަމްރީން ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ކުރިއަށްއޮތް 3 އަހަރުގެ ތެރޭގައި ހަމަޖެހިގެން ދިއުމަކީ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ހޮވުނު 20 ޕްރިންސިޕަލުން މިމަހުގެ ތެރޭގައި ކިޔެވުން ފެށުމަށްޓަކާ މެލޭޝިއާއަށް ދަތުރުކުރައްވާނެކަމަށާއި އެބޭފުޅުން މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއިން މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ކޯސް ފުރިހަމަކުރުމަށްފަހު 2023 ވަނަ އަހަރުގެ އޭޕްރީލްމަހު ޕްރިންސިޕަލުންގެ ގޮތުގައި ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވަން ފައްޓަވާނެކަން އެޑިއުކޭޝަން މިނިސްޓަރ ވަނީ އުފަލާއެކު ފާހަގަކުރައްވާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި ސަރުކާރުން ހިންގާ 216 ސްކޫލުގެ ތެރޭގައި މިވަގުތު ވެސް ދާއިމީ ޕްރިންސިޕަލުންނެތް 53 ސްކޫލެއް އެބަހުރިކަމަށާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ދާއިމީ ޕްރިންސިޕަލުންގެ ތެރޭގައި ވެސް ތަމްރީން ލިބިފައިވަނީ އެންމެ 75 ބޭފުޅުންކަމަށެވެ.