ގްރޭޑް އެކެއް އަދި ދޭއްގެ ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް އޮތް އޮތުމަކީ 2015 ވަނަ އަހަރުން ފެށިގެން އޮތް ކުށެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ގްރޭޑް އެކެއް އަދި ދޭއްގެ ފޮތްތައް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް ފެންމަތިވެފައިވާއިރު އިއްޔެ ވަނީ ގްރޭޑް 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަން ފާހަގަކުރެވިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ގްރޭޑް 10 އަދި 12ގެ ދަރިވަރުންގެ ފޮތްތައް ބޭނުންކުރަމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ކަމަށެވެ، އެކެއް އަދި ދޭއްގެ ފޮތްތަކަކީ ގައުމީ އާ މަންހަޖުގެ ދަށުން ކިޔަވައި ދިނުމަށް 2015 ގައި ޗާޕުކުރި ފޮތްތައްކަމަށާއި އޭރުއްސުރެ އެ ކުށް އޮތް ނަމަވެސް ސަމާލުކަމަށް އައީ މި ފަހުން ކަމަށް ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ. އަދި އެ ފޮތްތަކުގައި ކުށް ހުރިކަން ސަމާލުކަމަށް އައި ހިސާބުން އެ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.
އިތުރަށް ޑރ. އައިޝަތު އަލީ ވިދާޅުވީ ފޮތްތައް އެންމެ ފުރަތަމަ ޗާޕުކުރީ ވެސް ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި އިސްލާމިކް މިނިސްޓްރީ އަދި އިސްލާމިކް ޔުނިވާސިޓީން ވެސް ކުށް ހުރިތޯ ޗެކުކުރުމަށް ފަހު ފޮތްތައް ފާސްކުރުމުންކަމަށެވެ. ފޮތްތަކުން ކުށް ފެނުމަކީ އާންމުކޮށް ދިމާވާ މައްސަލައެއްކަން ފާހަގަކޮށް ޑރ. އައިޝަތު އަލީ ވިދާޅުވީ އެހެންނަަމަވެސް ގުރުއާނުގެ އާޔަތެއްގައި ކުށެއް އޮވެގެން ނުވާނެކަން ގަބޫލުކުރައްވާ ކަމަށާއި މި ކަމުގައި އިހުމާލެއް އޮތްތޯ ބަލަމުން އަންނަކަމަށެވެ.