English Edition
Dhivehi Edition

ބައެއް ފޮތްތަކުގައި މައްސަލަ ހުރިކަން ފާހަގަވެ، އެކަން ދިމާވުމަށް މެދުވެރިވި ސަބަބު ދެނެގަންނަން މަސައްކަތްކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އައިޝަތު އަލީ ވިދާޅުވީ ބައެއް ގްރޭޑްތަކުގެ ގުރުއާން އަދި އިސްލާމް ފޮތުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައި ވާތީ، އެ މައްސަލަ ދިމާވުމުގައި އިހުމާލުވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ބައެއް ގްރޭޑުތަކުގެ އިސްލާމް އަދި ގުރުއާން ފޮތްތަކުން ގިނަ މައްސަލަތަކެއް ފެނި ބެލެނެވެރިން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ޑރ.އައިޝަތު އަލީ ވިދާޅުވީ މި ދެ މާއްދާގެ އިތުރުން އެހެން މާއްދާ ތަކުގައިވެސް ކުށް ހުރިކަމަށް މައުލޫމާތު ލިބޭތީ، އެ ފޮތްތައް ވެސް ބަލާނެކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި އިހުމާލުވި ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވެފައިވާއިރު ޓެކްސްޓް ފޮތްތައް ޗާޕު ކުރިއިރު ގުރުއާންގެ އާޔަތްތަކެއް ބަދަލުވެފައިވާ މައްސަލާގައި އިސްލާމިކް މިނިސްޓްރީއަށް ގޯސް ހެދިފައި ވާކަން ގަބޫލް ކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ވެސް ވަނީ ވިދާޅުވެފައެވެ.

ހުރިހާ ގްރޭޑްތަކެއްގައި ގުރުއާނާއި އިސްލާމްގެ ފޮތްތަކުގައި އިތުރު ކުށްތައް ހުރިތޯ ބެލުމަށް އެންއައިއީގެ މުވައްޒަފުން ނުހިމެނޭ މިނިވަން ކޮމިޓީއަކުން ފޮތްތައް މުރާޖައާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.