English Edition
Dhivehi Edition

ފްރޭމް ފަޅާއަރާ ނުޙައްޤުންދޭ އަނިޔާގެ ބަދަލުވެސް ހޯދާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގައި ރާއްޖެއިން ފިއްލަވައިގެން ރާއްޖޭގެ ކޯޓަށް ހާޟިރުނުވެ އުޅުއްވާތީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް އިންޓަރޕޯލު ރެޑް ނޯޓިސް ނެރުމުން އެއަށް ރައްދުދެއްވައެވެ.

އަލީ ވަހީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ބޭއިންސާފުގެ ކުރިމަތީ އަމާންނުދޭނެ ކަމަށާއި އަނިޔާވެރިކަމުގެ ކުރިމަތީ ކުޑަކަކޫނުޖަހާނެ ކަމަށެވެ. އަދި އިރާދަފުޅުން ޙައްޤަށް ނަސްރު ލިބޭނެ ކަމަށާއި ފްރޭމް ފަޅާއަރާ ނުޙައްޤުންދޭ އަނިޔާގެ ބަދަލުވެސް ހޯދާނެ ކަމަށެވެ.

ދިވެހި ފުލުހުން ބުނީ އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލައިގާ ކޯޓަށް ހާޟިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ނެރުނު ރެޑް ނޯޓިސް އާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާ އެކުގައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި، މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ ފުރުން މަނާކުރިނަމަވެސް އެ އަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލާފައެވެ.

މުއްދަތެއް ނެތް ގޮތަށް ބޭސްފަރުވާއަށްކަމަށް ބުނެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން އަލީ ވަހީދު މިހާރު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގައެވެ. އަދި އަލީ ވަހީދު ޝަރީއަތަށް ހާޟިރު ކުރަން ކޯޓުއަމުރެއްނެރެ، އެކަމަކު ޝަރީއަތަށް ހާޟިރުކުރެވޭގޮތް ވަނީ ނުވެފައެވެ.

އެހެންވެ، ކްރިމިނަލް ކޯޓުން، އަލީ ވަހީދު ދެ މަހަށް ޖަލަށް ލާން ހުކުމްކޮށް، އެ ހުކުމް ތަންފީޒު ކުރަން އޭނާ ނުގެނެވިގެން އުޅެނިކޮށް، ނޮވެމްބަރު, 29, 2021 ގައި ކްރިމިނަލް ކޯޓުން އަނެއްކާ ވެސް ވަނީ އޭނާ ޝަރީއަތަށް ހާޟިރުކުރުމުގެ އަމުރެއް ނެރެފައެވެ.