English Edition
Dhivehi Edition
ފޮޓޯ: އެމްއެންޕީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސިޔާސަތުތަކާއި މަޤްޞަދުތައް ޔޫ.އެން ގެ ރެސިޑެންޓް ކޯޑިނޭޓަރ ކެތެރިން ހަސްވެލް އަށް އޮޅުންފިލުވައިދީފިއެވެ.

މިކަން ކުރައްވާފައިވަނީ ޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމާއި ލީޑަރޝިޕްގެ ބައެއް ބޭފުޅުން ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން) އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ރެސިޑެންޓް ކޯޑިނޭޓަރ ކެތެރިން ހަސްވެލް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ޔޫއެންގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެމްއެންޕީގެ ރައީސްގެ އިތުރުން ޕާޓީގެ ނާއިބު ރައީސުން ކަމަށްވާ އަޙްމަދު ޝަރީފް، މިރްފަތު އިސްމާޢީލް ޝަފީޤް އަދި ޝިދާތާ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖެއާއި ޔޫ.އެން އިން ޝައުގުވެރިކަން ހުރި ދާއިރާތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރ ގުޅުވާލައިގެން ހިންގޭ ދެމެހެއްޓެނިވި ތަރައްޤީގެ ދުރުރާސްތާ ޕްލޭނެއް އޮތުން މުހިއްމު ކަމުގައި އެމްއެންޕީގެ ޓީމުން ފާހަގަކުރިއެވެ. އަދި ރާއްޖޭގެ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާތައް އިތުރަށް ތަރައްޤީކުރުމަށްޓަކައި ވޮލަންޓިއަރކުރުން އިތުރުކޮށް ޒުވާނުން އެކަމަށް ހިތްޖެއްސުން މުހިންމު ކަމުގެ މައްޗަށްވެސް އަލިއަޅުވާލިއެވެ.

މީގެ އިތުރުން، ޔޫ.އެން އަދި ޔޫ.އެން.ޑީ.ޕީން ދިވެހިރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލްކުރެވޭނެ ކަންކަން ފާހަގަކޮށް، އެމްއެންޕީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތުގައި އެކަންކަން ހިމަނައި، މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްވަރާވެސް މިބައްދަލުވުމުގައި ކުރެވުނެވެ. އަދި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ކަންކަމުގައި ގިނަ ޕާޓީއެކުލެވޭ ސިޔާސީ މަޝްވަރާތައް ކުރެވޭނެ މާހައުލެއް ޤާއިމުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރެވުނެވެ.

މިބައްދަލުވުން ނިންމަވާލަމުން އެމްއެންޕީގެ ރައީސް ނާޒިމް ފާހަގަކުރެއްވި ގޮތުގައި، އެމްއެންޕީއަކީ ޔޫ.އެން ފަދަ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާ ގާތް ގުޅުމެއް އަބަދުވެސް ބާއްވާނެ ޕާޓީއެއްކަމަށާއި، ކުރިޔަށް އޮތް ތަނުގައި މިގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމުގައެވެ. އަދި ދިވެހިރާއްޖެ ތަރައްޤީ ކުރުމުގައި ކުރިމަތިވާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަތުމަށް ޔޫ.އެން އިން ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.