English Edition
Dhivehi Edition

28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދައްކައިގެން ދ.މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ސިވިލް ކޯޓުން މި އަމުރުކުރީ ނ. އަތޮޅުގައި ހިންގަމުން އަންނަ އިރުފުށި، ހިލްޓަން އިންޓަރނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގާ ސަން ޓްރެވެލް އިން ހިލްޓަންއަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކުމުންނެވެ.

މި މައްސަލާގައި ސިޔާމް އަނބިކަނބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓް ހިފަހައްޓަން ވެސް މިދިޔަ މަހުގެ 9 ގައި ވަނީ އަމުރުކޮށްފައެވެ. އަދި ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ވެސް ސިވިލް ކޯޓުން ކުރިން ކޮށްފައިވާ އަމުރެއްގައިވެއެވެ.

އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން 2013 ވަނަ އަހަރު ބާތިލުކޮށް 221 އެނދުގެ އެ ރިސޯޓް ހިންގަމުން އަންނަނީ އެ ކުންފުނިން އަމިއްލައަށް، “ސަން ސިޔާމް” ބްރޭންޑްގެ ރިސޯޓެއްގެ ގޮތުގައެވެ.

ކޮންޓްރެކްޓް ބާޠިލްކުރީ ކީއްވެކަމެއް އެއްވެސް ފަރާތަކުން މިހައިތަނަށް ހާމަކޮށްފައި ނުވާއިރު، ހިލްޓަން އިން ހަމައެކަނި ބުނީ ރިސޯޓުގެ މެނޭޖްމަންޓު އެ ކުންފުނިން ވަކިކުރީ ބާރު ނުފޯރުވޭ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.

ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ނެރެފައިވާ އަމުރާ އެއްގޮތަށް ސަން ޓްރެވަލްސް އިން ފައިސާ ނުދައްކާތީ މީގެ ކުރިން ރާއްޖޭގެ ކޯޓުތަކަށް ހިލްޓަން އިން މައްސަލަ ހުށަހަޅާފައިވެއެވެ.