“ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް” މިސުރުޚީދަށުން ރާއްޖޭގެ ނޫހެއްގައި ލިޔެފައިވާ ލިއުމާއި ގުޅިގެން ސަންޓްރެވަލްސް އެންޑް ޓުއާރސް ގެފަރާތުން ނުވަތަ ސަންކުފުނީގެ ވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު އެ ނޫހުގެ ނޫސްވެރިޔާއަށް އިންޒާރު ދެއްވި ކަމަށް ބުނާ ވާހަކަ އެކުންފުނިން ދޮގުކޮށްފިއެވެ.
މި ކަމާއި ގުޅިގެން ސަންޓްރެވަލްސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަންޓްރެވަލްސް އާއި ހިލްޓަންއާ ދެމެދު ހިނގަމުންދާ ގާނޫނީ މައްސަލައާ ގުޅުވާ އޮންލައިން ނޫސް “ދައުރު”ގައި ލިޔެފައިވާ ރިޕޯޓުގައިވާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަމަށެވެ. އަދި އެ ލިޔުމާއި ގުޅިގެން ސިޔާމް އެނޫސްވެރިޔާއަށް ގުޅާ އިންޒާރު ދިންކަމަށް ބުނެ ޝާއިޢުކޮށްފައިވާ ލިއުމަކީ އޭގައި އެއްވެސް ޙަގީގަތެއް އެކުލެވިގެން ނުވާ ދޮގުވާހަކަ ތަކެއް ކަމަށެވެ.
އިންޒާރު ދިން ވާހަކަތައް ދޮގުކުރުމުގެ އިތުރުން، ސަން ޓްރެވަލްސްއިން ވަނީ އެ ރިޕޯޓުގައި ކަން ހިނގާފައިވާ ގޮތުގައި ސައްޙަ މައުލޫމާތު ގެނެސްދިނުމުގެ ބަދަލުގައި މަސައްކަތް ކޮށްފައިވަނީ ސަން ގުރޫޕުގެ ކުންފުނިތަކާއި އަހްމަދު ސިޔާމްގެ ނަމަށް ހުތުރުކޮށް ގެއްލުން ދިނުމަށް ކަމަށް ބުނެފައެވެ. އަދި މުޅި އާޓިކަލް އެއް އަތަކަށް ބަރުވެފައި އޮތް އިރު، އެ ކުންފުނީގެ ވިޔަފާރި ހައްގެއް ނެތް މޭރުމުން ރިޕޯޓުކޮށްފައިވާ މައްސަލަ ވެސް ސަންޓްރެވަލްސްއިން ފާހަގަކުރިއެވެ.
“މި ލިޔުމުގައި ލިޔުންތެރިޔާ ހިލްޓަންގެ ފަރާތުން ވަކާލާތުކޮށް ފާޅުކަންބޮޑުކޮށް ތަޢައްސަބާއި، ނަފުރަތާއި، ޙަގީގަތެއްނެތް އެތަކެއް އިޙްތިމާލުތަކެއް ގެނައުމުގެ އިތުރުން ލިއުމުގައި، ފާޅުކަންބޮޑުކޮށް ސަންގެ އެމްޑީ އަހްމަދު ސިޔާމުގެ ސިޔާސީވިސްނުމާއި ފިކުރަށް މިލިއުމުގައި ޙަމަލާދީފައިވޭ. އަދި މިލިއުމުގައި ތަކުރާރުކޮށް ސިޔާމުގެ ސިޔާސީ ވިސްނުމާއި މަސައްކަތަށް ޙަމަލާދީފައިވާއިރު، ލިއުންތެރިޔާގެ ރުޅިގަނޑު ބާލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން 2 އޭޕްރީލްގައި ނެރެފައިވާ ވަގުތީ އަމުރާއިގުޅޭގޮތުން” ބަޔާނުގައި ބުނެފައިވެއެވެ.
ސަންޓްރެވަލްސްއިން ތުހުމަތުކުރި ގޮތުގައި ނޫސްވެރިޔާގެ އެ ލިޔުމަކީ ވަކި ބަޔަކު އަޑީގައި ތިބެ ސްޕޮންސާ ކޮށްގެން ލިޔެފައިވާ ލިޔުމެކެވެ. ހަމައެހެންމެ މިއީ ޝަރުއީ ކޯޓެއްގެ ނިންމުމަކާ ގުޅޭ ކަމަކަށްވީއިރު، އެ ނޫހުގައި ތަކުރާރުކޮށް ޝަރުޢީ ކޯޓްގެ ނިންމުމާއި ސަން ކުންފުންޏާއި އަހްމަދު ސިޔާމުގެ ސިޔާސީ މަސައްކަތާއި އަދި ނުފޫޒު ހިމެނޭކަމެއް ކަމަށް ބުނެފައިވުމަކީ ޝަރުޢީ ނިޒާމްގެ އިތުބާރު ގެއްލުވާލާ، ކޯޓުތަކުގެ ހުރުމަތް ކެނޑޭގޮތަށް ލިޔެފައިވާ ލިޔުމެއް ކަމަށް އެ ބަޔާނުގައިވެއެވެ.
“މިއީ ނޫސްވެރިކަމުގެ ތާކިހަލުގެ ނިވަލުގައި ވިޔަފާރި ކުންފުންޏެއްކަމަށްވާ ސަންޓްރެވަލްސް އަށާއި އަދި އެކުންފުނީގެ އެމްޑީއަށް ގެއްލުންދިނުމުގެ މަގްސަދުގައި ބަޔަކު އަޑީގައިތިބެ ލިއެފައިވާ ލިއުމެއް. މިލިއުމުގައިބޭނުންކޮށްފައިވާ ނަންހާމަނުކުރާ ވަކީލުންގެ ވާހަކަތަކާއި ހިލްޓަންގެ ފަރާތުން ކޯޓުގައި ވަކާލާތުކުރާ ވަކީލުންގެ ވާހަކަތަކާއި ވަރަށްއެއްގޮތް. ނޫހުން ޙަވާލާދީފައިވާ ލިއުމުން ފާޅުވާންއޮތީ ނަފްރަތު އުފައްދުމާއި އަބުރުކަތިލުމާއި، ހަގީގަތް އޮޅުވާލުމުގެ މަސައްކަތް. ” ބަޔާނުގައި ބުނެފައިވެއެވެ.
އެ ލިޔުމުގައި ލިއުންތެރިޔާ ސީދާ ކުންފުންޏާއި ސިޔާމުގެ ކެރެކްޓާ އެސެސިނޭޓް ކުރުމުގެ ގޮތުން ލިޔަމުން ބުނެފައިވަނީ’… ސަންޓްރެވަލްސްގެ ވެރިޔާގެ ނުފޫޒާއި ބާރުގައި ބޮޑު އިންވެސްޓަރަކު ރާއްޖޭގައި ގޮތްހުސްވެފައިވާކަމެވެ.’
” ސަންއާއި ހިލްޓަންއާއި ދެމެދުވެފައިވަނީ މެނޭޖްމަންޓް އެގްރީމެންޓެއް. އެއީ ހަމައެކަނި ސަންއިން އިންވެސްޓްކޮށް ނިންމާފައިވާތަނެއް ހިލްޓަންއިން މެނޭޖްކުރާވާހަކަ. ހިލްޓަންއިން އިންވެސްޓްކުރި އެންމެ ސެންޓެއްވެސް މިއެއްބަސްވުމުގެތެރޭގައި ހިމެނޭ ޕްރޮޕަޓީއަކަށް ޚަރަދުކޮށްފައި ނުވާހިނދު، ދިވެހިރާއްޖޭގައި ގާނޫނު ނަންބަރ 2013/10 އާރބިޓްރޭޝަންގެ ގާނޫނުގެ 74 ވަނަ މާއްދާގައި އޮޅުވާލައިގެން މަކަރާއި ހީލަތުންވާ އެއްބަސްވުންތަކާއިމެދު ނިންމާ އާބިޓްރޭޝަންގެ ނިންމުންތައް ދިވެހި ދައުލަތުގެ އާންމު ސިޔާސަތާއި ޚިލާފުވާނަމަ ބެލުމުގެ ބާރު ދީފައިވޭ. އެއީ އާބިޓްރޭޝަން އެވޯޑް ތަންފީޒުކުރުމާއި ގުޅޭގޮތުންނިއުޔޯކް ކޮންވެންޝަންގެ 5 ވަނަ މާއްދާއިން ގައުމުތަކަށް ދީއަދި ތަފާތު ގައުމުތަކުން އާބިޓްރޭޝަންގެ ނިންމުންތައް އެގްރައުންޑަށް ބިނާކޮށް ބާތިލްކުރަމުންދާ ގާނޫނީ އަސާސެއްކަމަށްވީއިރު، ނޫސްވެރިޔާގެ މުޅިލިއުމުގައި ހިލްޓަންގެ ފަރާތުން ބޮޑުބިޔަ އިންވެސްޓެއްކުރިކަމަށް ބަޔާންކޮށްފައިވާއިރު އެއީ މުތްލަގުކޮށް އޮޅުވާލައިގެން ލިއެފައިވާ ދޮގުވާހަކައެއް” ސަން ޓްރެވަލްސްއިން ނެރުނު ބަޔާނުގައި ވެއެވެ.
ސަންގެ ފަރާތުން ހުށަހަޅާފައިވަނީ ގާނޫނީ ބަޙުސެއްއޮތް އެކަމުގައިއޮތްވާހަކައެކެވެ. އެއީ ނޫސްވެރިޔެއްގެ ހިތަށްފެންނަގޮތަށް ލިޔާލިއުމެއްގެތެރެއިން ސަންކުންފުންޏާއި ކުންފުނީގެ އެމްޑީގެ މައްޗަށް ޙުކުމެއް ނެރޭވަރަށްވުރެ ޓެކްނިކަލް ގާނޫނީވާހަކަތައް ހިމެނޭ ލީގަލް ޑިސްޕިއުޓެއްއޮތްކަމެއްކަމަށްވާއިރު، ލިއުންތެރިއާގެ ލިއުމުގައި ސަންގެ ބަހެއްނުވަތަ ސަންގެ ވަކީލުންގެ ބަހެއް ހޯދުމެއްނެތި، ކަނޑައެޅިގެން ކަންހިނގާފައިވާގޮތް އޮޅުވާލާއ ހިލްޓަންގެ ފަރާތުން ބޮޑުއިންވެސްޓްމަންޓެއްކޮށްފައިވާކަމަށް ބަޔާންކޮށްފައިވުމީ މިއީ ސަން ކުންފުންޏާއި އެކުންފުނީގެ އެމްޑީ އަހްމަދު ސިޔާމްގެ ސިޔާސީވިސްނުމާއި ގުޅުވައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމުގެ ނިޔަތުގައި ލިޔެފައިވާ ލިއުމެއްކަމަށެވެ.
“މިލިއުމުގެ ސަބަބުން ކުންފުނީގެ މައްޗަށް އޮތް އިތުބާރާއި، ވިޔަފާރިއަށާއި، އަދި ކުންފުނީގެ އެމްޑީ އަހަމްދު ސިޔާމުގެ ސިޔާސީ ވިސްނުމާއި ގުޅުވައިގެން ޖުޑިޝަރީގެ މިނިވަންކަން ގެއްލޭގޮތަށް ލިއުންތެރިޔާވަނީ ކަލްކިއުލޭޓެޑް ތިއޮރީ އެއްއުފައްދާފައި ފޫނުބެއްދޭ ގެއްލުން ކުންފުންޏަށްދީފައި. އެހެންކަމުން މިބަޔާނަކީ ކަމުގެ ހަގީގަތް ހާމަކޮށް މިފަދަ malicious އަދި ކަލްކިއުލޭޓެޑް ލިއުންތަކުގެ ތެރެއިން ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ދައުރު ނޫހުގައި ލިއެފައިވާ ލިއުމުގެ ސަބަބުން މިކުންފުންޏަށާއި އަހްމަދު ސިޔާމަށް ގެއްލުންލިބިފައިވާގެއްލުން ސަމާލުކަމަށް ގެނައުމާއިއެކު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ސަމާލުކަމަށް މިފަދަ ލިއުންތަރިންގެ އަމަލުތައް ގެނައުމުގެ ގޮތުން ނެރޭބަޔާނެއް” ބަޔާނުގައި ވެއެވެ.
އެކުންފުނިން ބުނެފައިވަނީ ސަންކުންފުންޏާއި އަހްމަދު ސިޔާމުގެ ފަރާތުން ނޫސްވެރިޔާގެ ލިއުމާއިގުޅިގެން އަޅަންޖެހޭ ގާނޫނީފިޔަވަޅު އެޅުމާއިމެދު ދިރާސާކުރަމުންދާއިރު، ލިއުންތެރިޔާގެ ޒިއްމާދާރުކަން ކުޑަ މިލިއުމާއިމެދު ކުންފުނިން ހިތާމަކުރާކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމުގެ އިންތަކުގެ ތެރޭގައި ފަރުދުންގެ ޢަބުރަށް ހުތުރުނުވާގޮތަށް އިންސާފުވެރިކަމާއެކު ނޫހުގައި ޚަބަރާއި ރިޕޯރޓު ޝާއިޢުކުރުމަށް ނޫސްވެރިޔާއަށް ނަސޭޙަތްތެރިވާކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.