English Edition
Dhivehi Edition
ފޮޓޯ: މިނިސްޓްރީ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ވިލާ ކުންފުންޏާ ޙަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއަރޕޯޓު، ވިލާ ކުންފުންޏާ ޙަވާލުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވިލާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ވެރިޔާ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ.

ކާޑެއްދޫ އެއަރޕޯޓު ހިންގުމަށް 50 އަހަރު ދުވަހަށް ވިލާ އެއަރ އަށް ދީފައިވަނީ 2013 ގައެވެ.

އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ސަރުކާރުން އެ އެއްބަސްވުން ބާތިލްކޮށް، ވިލާ ކުންފުނިން އެތަން އަތުލީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ޚިލާފަށް އެއަރޕޯޓް ހިންގި ކަމަށް ބުނެއެވެ.

އެ މައްސަލައިގާ ވިލާ އެއަރ އިން ދަޢުވާ ކުރުމުން ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އެ އެއްބަސްވުން އުވައިލީ ގޯސްކޮށް ކަމަށާއި އެހެންވެ އެތަން އަނބުރާ ދިނުމަށެވެ. އަދި އެހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށް އެ އެއަރޕޯޓް ވިލާއަށް ދިނުމަށް ވަނީ އަމުރު ކޮށްފައެވެ.

މުޢުތަބަރު ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެއަރޕޯޓާ ރަސްމީކޮށް ހަވާލުވުމަށް ގާސިމް އިބްރާހިމް މިއަދުގެ ވަގުތެއްގައި ކާޑެއްދޫ އަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޓީމެއް ވެސް ދިއުމަށް ނިންމާފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.