ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ ވެރިން ބަދަލުކުރެއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުށަހަޅައިފިއެވެ.
ރައީސް ސާލިހު ޕީސީބީ އަށް ހުށަހަޅުއްވާފައިވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަޙްމަދު ޝަރީފް އައްޔަންކުރެއްވުމާއި ސްޓެލްކޯގެ މިހާރުގެ އެމްޑީ ޙަސަން މުޣުނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނަރޖީ އޮތޯރިޓީއަށް ބަދަލު ކުރެއްވުމަށެވެ. އަދި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ޕޯސްޓް އޮފީހަށް ބަދަލު ކުރެއްވުމަށެވެ.
އެހެންނަމަވެސް ޕޯސްޓް އޮފީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަފީގް ބަދަލުކުރައްވާތަނެއް ސާފުވާގޮތެއް ނުވަތަ އޭނާގެ މަގާމަށް ވާނީ ކިހިނެތްކަމެއް ސާފުވާގޮތެއް ނުވެއެވެ.
މި ގެންނަ ބަދަލުތަކާއި ގުޅޭގޮތުން ޕީސީބީ އަދި ސަރުކާރުން ވެސް ވަކި އެއްޗެއް މިހައިތަނަށް ހާމައެއް ނުކުރައްވައެވެ.
ކުންފުނިތަކުގެ އެމްޑީން ބަދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވިއިރު، އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބާ ދިމާކޮށް، އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައެވެ. މިއާއެކު ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ބައެއް މަޤާމުތަކަށް ބަދަލު ގެންނަވާކަމަށް ވިދާޅުވެ ރައީސް ނަޝިދު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ރައީސް ނަޝީދު ވިދާޅުވީ،ނޫނު އަސާސީން ލިބިދީފައިވާ ބާރުގެ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށްކަމަށެވެ.
ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތް ހިންގުމުގެ ބޮޑެތި ބާރުތަކެއް ލިބިދީފައެވެ.