English Edition
Dhivehi Edition

ހުޅުމާލޭގައި އިއްޔެ ދުއްވާފައިދިޔަ ސައިކަލް ކަހާލައިގެން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު އައިމިނަތު އީމާން ސަލާމަތްވާނެކަމުގެ އުންމީދު މިހާރު ޑޮކްޓަރު ދީފައިވާކަމަށް މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރަކާއި ހަވާލާދީ ‘ސަން’ އިން ބުނެފިއެވެ.

މިއަދު އީމާން ނިޔާވެފައިވާކަމުގެ ހަބަރުތަކެއްވެސް ފެތުރުގެން ދިޔައިރު އެ ހަބަރަކީ ސައްހަ ހަބަރެއް ނޫންކަން ވަނީ ކަށަވަރަވެފައެވެ. މާލޭ ސިޓީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އީމާން ސަލާމަތްވާނެކަމުގެ އުންމީދެއް ނެތުމުން ޑޮކްޓަރުން ނިންމީ ވެންޓިލޭޓަރުން ނަގާށެވެ. އެގޮތަށް ނިންމި ނަމަވެސް ފަހުން އީމާން ވެންޓިލޭޓަރުން ނަގާފައެއް ނުވެއެވެ.

ހުޅުމާލޭ ކުރެދި ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އުމުރުން 29 އަހަރުގެ އީމާން ވެއްޓުނީ އެ ސަރަހައްދުގައިވާ ބަމްޕަރުގެ ކުލަފަޑުވެފައިވުމާއި ގުޅިގެން، އެ ބަމްޕަރު ނުފެނިގޮސް ބާރު ސްޕީޑްގައި ބަމްޕަރަށް އެރުމުންނެވެ. މި ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި އެއްވެސް މީހަކުނެތް އިރު އީމާން ހޮސްޕިޓަލަށް ގެންދެވުނީ އެ ހާދިސާ ހިނގިތާ ވިއްސަކަށް މިނިޓް ފަހުންނެވެ.

އެންމެ ފުރަތަމަ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އީމާން އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރީ ރޭގައެވެ. އީމާންގެ ހަށިގަނޑުގެ ބޭރުން އަނިޔާގެ ނިޝާނެއް ފެންނަން ނެތަސް ބޯ ފަޅައިގެން ގޮސް އޭނާގެ ސިކުނޑި ވަނީ ދުޅަވެފައެވެ.

އީމާންގެ ކޭސް އާއި ގުޅޭ ގޮތުން އަދި މިހާތަނަށް އޭޑީކޭ އިން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.