English Edition
Dhivehi Edition

ގަން އިންޓަނޭޝަނަލް އެއާޕޯޓު ގައި ދެވޭ ޚިދުމަތްތަަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އެއާޕޯޓުގައި ބޭނުން ކުރުމަށް އިތުރު، ގްރައުންޑް ސަޕޯޓް އިކުއިޕްމަންޓްތަކެއް އައްޑޫއަށް ގެނެސްފިއެވެ.

އެއާޕޯޓުގައި ދެވޭ ޚިދުމަތްތަކަށް ބޭނުންކުރުމަށް، ގާތްގަނޑަކަށް 1 މިލިއަން ޔޫއެސް ޑޮލަރުގެ ސާމާނު ގަތުމަށް ސަރުކާރުން ނިންމާފައިވާއިރު މިއީ މި ސާމާނު ތަކުގެ ތެރެއިން ބައެއް ކަަމަށް އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވިއެވެ. އެގޮތުން މިފަހަރު ލިބިފައިވަނީ 2 ޓޯވ ޓަގް އާއި ޖީޕީޔޫގެ އިތުރުން ޕަސިންޖަރ ސްޓެޕެއް ކަމަށް ވެސް އޮޕިޝަލު ވަނީ ވިދާޅުވެފައެވެ. މިނި ޓޯވ ޓަގް އަކާއި ބޮޑު ޓޯވ ޓަގް އިއްޔެ ލިބިފައިވާ އިރު ދެން ހުރި ސާމާނު އައްޑޫ އަށް ގެނެސްފައިވަނީ މިދިޔަ ހަފްތާގައެވެ.

އިންޓަނޭޝަނަލް ފްލައިޓް އޮޕަރޭޓްކުރާ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޮޑު ޓޯވ ޓަގެއް މިވަގުތު ވަރަށް މުހިއްމު ވެފައިވާ ކަމަށާއި މި ލިބުނު ސާމާނު ތަކާއެކު އެއާޕޯޓުން ދޭން ޖެހޭ ޚިދުމަތް ތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް ވެސް އެއާޕޯޓުން ބުނެއެވެ.

 

އިންޓަނޭޝަނަލް ފްލައިޓް ތަކަށް ކޭޓާރ ކުރެވޭ ގޮތަށް ގަން އެއާޕޯޓު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާއިރު ކޮވިޑް 19 އާއި ގުޅިގެން މެދުކަނޑާލާފައި އޮތް ސްރީލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް ވެސް އަލުން މިވަނީ އައްޑޫއަށް ފަށާފައެވެ.