English Edition
Dhivehi Edition

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން، ބީބީސީން އައްޑޫގައި އޮތެންޓިކް މޯލްޑިވްސްގެ އައުޓްލެޓެއް ހުޅުވައިފިއެވެ.

މި އައުޓްލެޓް ހުޅުވާފައިވަނީ ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ ޓްރާންސިޓް ލައުންޖްގައެވެ. އިއްޔެ ހުޅުވި މި އައުޓްލެޓް ހުޅުވައި ދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރެވެ.

މިއީ ދިވެހި ފަންނުވެރިންގެ މަސައްކަތް ކުރިއެރުވުމަށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެފަދަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓް ކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހިންގަމުންދާ ތަންތަނެވެ.

އޮތެންޓިކް މޯލްޑިވްސް ފިހާރަތަކަކީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްސަދުގައި ހުޅުވާ ފިހާރަތަކެކެވެ.
އައްޑޫގައި މި ހުޅުވުނު ފިހާރައަކީ މާލެ ސަރަހައްދުން ބޭރުން ދެކުނުގެ ސަރަހައްދުގައި ހުޅުވުނު އޮތެންޓިކް މޯލްޑިވްސްގެ ފުރަތަމަ ފިހާރައެވެ. ބީސީސީން ބުނީ މި ފިހާރައިގެ ސަބަބުން އައްޑޫ ސިޓީގެ އިތުރުން ދެކުނުގެ އެހެނިހެން އަތޮޅުތަކުގައި ތިބި އުފެއްދުންތެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށެވެ.

ބީސީސީއިން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވުންކަމަށާއި އައްޑޫގެ އިތުރުން މާފަރާއި ތޮއްޑޫގައިވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އައްޑޫސިޓީގެ ގަމުގެ އެއާޕޯޓުގައި މި ފިހާރަ ހުޅުވާފައިވީނަމަވެސް އާންމު ރައްޔިތުންނަށްވެސް މި ފިހާރައިން ތަކެތި ގަނެވޭނެކަމަށް ބީސީސީއިން ބުނެއެވެ