އައްޑޫ ތަރައްގީގެ މަޝްރޫއުއަށް އެތައް ޖެއްސުމެއް ކުރިއަސް އެންމެ ބޮޑު ގޮންޖެހުމަކީ އެ ތަން ތަރައްގީކުރާނެކަން އައްޑޫގެ ބައެއް މީހުން ގަބޫލުނުކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއި ކުރުމަށް ހ. މީރުމާގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގާނޫނީ ގޮތުން ސިޓީއެއްގެ ލަގަބު މީގެ އެތައް އަހަރެއް ކުރިން އައްޑުއަށް ދީފައިވީ ނަމަވެސް ސިޓީގެ ދަރަޖައާއެކު އަންނަން ޖެހޭ އުމްރާނީ ތަރައްގީ އައްޑުއަށް ލިބިފައި ނުވާކަމަށެވެ. އަދި އެކަން ދެނެގަނެ ދެކުނުގެ އިގްތިޞާދީ މައި ހަބުގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ވަށާ ޖެހޭ ޕްލޭނެއް އެކުލަވާލައި، މިއަދުގެ ސަރުކާރުން ދަނީ އެ ޕްލޭން ތަންފީޒު ކުރަމުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަށް އެކިއެކި ގޮންޖެހުން ކުރިމަތިވާއިރު ވެސް އެންމެ އުނދަގޫ، އަރައިގަންނަން އެންމެ އުނދަގޫ ކަމަކީ އައްޑޫގެ ރަައްޔިތުންގެ ތެރެއިން ބައެއް ބޭފުޅުންގެ އިތުބާރު މިކަންކަން ވާނެކަމަށް ނޯންނާތީ. އޭގެ ސަބަބުން މިކަންކަން ކުރުމަށް ހިޔަނި އެޅިގެންދޭ.” ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒް ވަނީ އެއާޕޯޓު މަޝްރޫއުގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީފެންވަރަށް ތަރައްގީ ކުރުމާއެކު ޓޫރިޒަމްގެ އިތުރުން އެހެން ސިނާއަތްތަކަށް ވެސް ފައިދާ ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެ އެއާޕޯޓާއެކު މަސްވެރިކަމުގެ ސިނާއަތަށް ފައިދާ ވާނެ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އޭގެ ސަބަބުން ކަންނެލި އެކްސްޕޯޓުކުރަން ފަސޭހަވާނެ ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޓާމިނަލާއެކު އިތުރު ބަދަލުތައް ގެނައުމަށް ހަވާލުކުރީ އިންޑިއާގެ ރެނާޓަސް ކުންފުންޏަށެވެ. ދެ އަހަރުގެ ތެރޭގައި އެ ބޮޑު މަޝްރޫއު ނިންމަން ދިނީ 457 މިލިއަން ރުފިޔާއަށެވެ.