ރަޝިޔާގެ ޙަމަލާތައް ޔޫކްރެއިނުގެ ބޮޑެތި ހުރިހާ ސަރަޙައްދަކަށް ޢަމާޒުވަމުންދާކަމަށް އެ ޤައުމުގެ ރިޔާސީ ގަނޑުވަރުން ބުނެފިއެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ޔޫކްރެއިނަށް ޙަމަލާ ދޭން ފެށުމުން އެ ޤައުމުގެ ސަރަޙައްދީ ރޮނގު ބަލަހައްޓަން ތިބި ސިފައިން ހަތިޔާރު ބަހައްޓައި ފިލާފައިވާކަމަށާއި އެއްވެސް އުނދަގުލަކައި ނުލައި ރަޝިޔާގެ ފައުޖުތަކަށް ޔޫކްރެއިނަށް ވަދެވުނުކަމަށެވެ. އަދި ޔޫކްރެއިނު އިސްތިޢުމާރުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށާއި އެ ޤައުމަށް ޙަމަލާ ދިނުމުގެ ބޭނުމަކީ އެ ޤައުމުން ވަކިވުމަށް ބޭނުންވާ ޖަމާޢަތްތަކާ ދެކޮޅަށް ދެމުންދާ އަނިޔާވެރި އަދި ލާއިންސާނީ ޙަމަލާތައް ހުއްޓުވައި ޔޫކްރެއިނުގެ އަސްކަރިއްޔާގެ ބާރުވެރިކަން ނައްތާލުމަށްކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންގެ އެންގެވުމަށް ބަރުހަތިޔާރާއެކު އެތައް ހާސް ސިފައިންނެއްވަނީ ތިން ސަރަޙައްދަކުން ޔޫކްރެއިނަށް ޙަމަލާ ދޭން ފެށުމުން އެ ޤައުމުގެ ބޮޑެތި ސަރަޙައްދުތައް ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ދަތުރުކުރަން ފަށައިފައެވެ.
އދ އިންވަނީ ޔޫކްރެއިނު ދޫކޮށް ދާން މަސައްކަތްކުރާ ޢާއްމުންނަށް އަވަށްޓެރި ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ހުޅުވާލައި އޯގާތެރިކަން އިސްކުރުން މުޙިއްމުކަމަށެވެ.