English Edition
Dhivehi Edition

އިންޑިއާގެ ކޮޗިން އިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ދިވެހި އަންހެން މީހާ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭތާ އެތައް އަހަރެއްވެފައިވާ މީހެއްކަމަށް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ތުހުމަތުކޮށްފިއެވެ.

މިމަހުގެ 12 ވަނަ ދުވަހު އިންޑިއާގެ ކޮޗިން އިން ހައްޔަރުކޮށްފައިވަނީ ބ. އޭދަފުށީ، އައިމިނަތު ރަޝީދާ އެވެ.

އެންސީބީގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫހެއްގައި ބުނީ ރަޝީދާ އިންޑިއާއަށް ގިނަ ދަތުރުތަކެއް ކޮށް، އިންޑިއާ އިން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގައި އުޅެފައިވާ ކަމަށް މިހާތަނަށް ކުރި ތަހުގީގުން އެގިފައިވާކަމަށެވެ. ރަޝީދާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްކަން އެނގުމުން ފުލުހުން އޭނާ ހޯދަން ބޭނުންވެ ލިޔުމެއް ނެރުނުކަމަށްވެސް އެންސީބީ އާއި ހަވާލާދީ “މިޑް ޑޭ” ނޫހުންވަނީ ބުނެފައެވެ.

މީގެ އިތުރުން އެންސީބީ އިން ބުނެފައިވަނީ ރަޝީދާގެ ފިރިހެން ދަރިއަކުވެސް މަސްތުވާތަކެތި ވިއްކުމުގައި އުޅެނިކޮށް ރާއްޖޭން ހައްޔަރުކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ.

އެންސީބީން ރަޝީދާގެ މައްޗަށް ތުހުމަތުކުރަނީ މިދިޔަ ޑިސެމްބަރު މަހުގެ 11ވަނަ ދުވަހު 3.9 ކިލޯގެ އޮޕިއަމް އިންޑިއާއިން ރާއްޖެއަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތެވެ. އިންޑިއާއިން ރާއްޖެއަށް މުދާފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި މަސްތުވާތަކެތި އެޑްރެސް ކޮށްފައިވަނީ ރަޝީދާއަށެވެ.

ރަޝީދާ ހައްޔަރުކޮށް ފުރަތަމަ އޭނާގެ ބަންދަށް ޖެހި ތިން ދުވަސް ހަމަވުމުން އިންޑިއާގެ މެޖިސްޓްރޭޓް ކޯޓަކަށް އޭނާ ހާޒިރުކޮށް މިހާރު ވަނީ ބަންދަށް 14 ދުވަސް ޖަހާފައެވެ.