ދިވެހި ބަހަށް ޚިދުމަތް ކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ޝާޢިރުންގެ ވާދީއާއި އައްޑޫސިޓީ ހިތަދޫ ނޫރާނީ ސްކޫލް ގުޅިގެން މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް ހިންގާ އަދަބީ ޙަރަކާތްތައް ފަށައިފިއެވެ.
ހޯމަ ދުވަހު ހެނދުނު ނޫރާނީ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިޙަރަކާތްތައް ފައްޓަވައި ދެއްވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާސިލުކުރައްވާފައިވާ ޝާޢިރުންގެ ވާދީގެ ރައީސް، ޙަސަން ލަބީބާއި ނޫރާނީ ސްކޫލްގެ ޕްރިންސިޕަލް ސުލްޠާން ރާމިޒްއެވެ. މިއަހަރުގެ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ޚާއްސަ އެސެންބްލީގައި ވަނީ ދުވަހާއި ގުޅޭ ވީޑިއޯއެއް ލޯންޗް ކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ވަނީ ނޫރާނީ ސްކޫލްގެ ދަރިވަރުންގެ މެދުގައި ދިވެހި ބަހަށް އޮތް ޝައުގުވެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި ފަށާ” މަގޭ ބަސް، މަގޭ ފަޚުރު” ކެންޕޭން އިފްތިތާޙު ކޮށްފައެވެ. 1 އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި ކެންޕޭން ގެ ޙަރަކާތްތައް ކޮންމެ ހަފްތާއަކުވެސް ކުރިއަށްދާނެ ކަމަށް ނޫރާނީ ސްކޫލުން މަޢުލޫމާތު ދެއްވައެވެ.
މި ސެންބްލީގައި ވާހަކަ ދައްކަވަމުން ޝާޢިރުންގެ ވާދީގެ ރައީސް ޙަސަން ލަބީބު ވަނީ ދިވެހި ބަހުގެ ތެރޭ އައްޑޫބަހުރުވައިގެ ދައުރު އޮތް މިންވަރާއި އައްޑޫބަސް މުހިއްމުވާ ސަބަބުތައް އޮޅުންފިލުވައިދެއްވާފައެވެ. އަދި ދިވެހި ބަހަށް ޚިދުމަތް ކުރުމުގައި އަމިއްލަ މާދަރީ ބަސް ނެގެހެއްޓުމަށް ބާރު އަޅުއްވައި އެރޮނގުން އަގުހުރި މަޢުލޫމާތުތަކެއް ދަރިވަރުންނަށް ފޯރުކޮށްދެއްވާފައެވެ.
ނޫރާނީ ސްކޫލުން އެސްކޫލްގެ ދަރިވަރުންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބި ޖެއްސުމަށް ކުރައްވާ މަސައްކަތަށް ތަޢުރީފް ކުރައްވަމުން ޙަސަން ލަބީބު ވިދާޅުވީ މުޅި އަހަރު ދުވަހަށް ބަހާލައިގެން އެސްކޫލްގައި ހިންގާ “މަގޭ ބަސް މަގޭ ފަޚުރު” ކެންޕޭންގައި ފަންނީ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް ޝާޢިރުންގެ ވާދީގެ ބައިވެރިވުމާއި އެއްބާރުލުން ދެއްވާނެ ކަމަށެވެ.
“މަގޭ ބަސް ، މަގޭ ފަޚުރު” ކެންޕޭންގެ ތެރެއިން ނޫރާނީ ސްކޫލްގެ އެކި ގްރޭޑް ތަކުގެ ދަރިވަރުންނަށް ޢިބްރަތްތެރި ދިވެހި ވާހަކަ ލިޔަން ދަސްކޮށްދީ ދަރިވަރުންގެ ވާހަކަތައް ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކިޔޭނެ ފަދަ ޕްލެޓްފޯމެއް ގާއިމް ކުރުން ހިމެނެއެވެ. މިއާއެކު ފަރިތަކަމާއެކު ދިވެހި ބަހުގެ ޚަބަރާއި މަޢުލޫމާތު އަދި ރިޕޯޓާއި އިޝްތިހާރުފަދަ ތަކެތި ކިޔާނެ ގޮތް ދަސްކޮށްދީ މިހުނަރު އެކުދިންގެ ކިބައިގައި އަށަގެންނެވުމަށް ޚާއްސަ ޙަރަކާތްތަކެއް ހިންގާނެއެވެ.
ދިވެހި ބަސް ކުރިއެރުވުމަށް ޝާޢިރުންގެ ވާދީގެ “ފަނާރުން” ކުރައްވާ މަސައްކަތާއެކު ނޫރާނީ ސްކޫލްގެ ދަރިވަރުންގެ ހުނަރު އިތުރު ކުރުމަށް އެސްކޫލާއި ގުޅިގެން މަސައްކަތްތަކެއް ފެށުމަކީ ދަރިވަރުންގެ ދިވެހި ބަސް ކުރިއަރައި ދިއުމުގެ އިތުރުން، ދިވެހި ބަހަށް ޝާޢިރުންގެ ވާދީންދެއްވާ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެ ޕްރިންސިޕަލް ސުލްތާން ރާމިޒްވަނީ އެޖަމްޢިއްޔާގެ ހިންގުންތެރި ވެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތައް ނިންމާލާނީ “މައިފުނަ ބަހި ޖަގަޑާ” ގެ ނަމުގައި ބުރާސްފަތި ދުވަހު އޮންނަ ފޯރިގަދަ ޙަރަކާތަކުންނެވެ.