ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް އައްޑޫސިޓީގެ ނޫރާނީ ސްކޫލްގައ ފަށައިފިއެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުފުޅުތަކުގެ ތެރެގައި ހިމެނޭ ނާސްތަ ޕްރޮގްރާމް އެންމެ ފުރަތަމަ ފެށުމަށް ހަމަޖައްސާފައިވަނީ މާލޭ ސަރަހައްދުން 5 ސްކޫލަކާއި ކޮންމެ އަތޮޅަކުން އެއް ސްކޫލެއްގައެވެ. އެގޮތުން ދަރިވަރުން ގެ އާބާދީ މަދު ސްކޫލުތަކަށް ވަނީ އިސްކަން ދީފައެވެ.
ނޫރާނީ ސްކޫލަކީ 1976 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަަމައަށް އަމިއްލަ ސްކޫލެއްގެ ގޮތުގައި ހިންގަމުން އައި ސްކޫލެކެވެ. ނޫރާނީ ސްކޫލް، ސަރުކާރު ސްކޫލެއްގެ ގޮތުގައި ހަމަޖެހުނީ 10 ޖޫން 2006 ވަނަ އަހަރުގައެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން މި ސްކޫލްވަނީ އަރަބި މީޑިއަމް ސްކޫލަކަށް ބަދަލުކޮށްފައެވެ.
ގާތްގަނޑަކަށް 80 ވަރަކަށް ދަރިވަރުން ކިޔަވަމުންދާ ނޫރާނީ ސްކޫލުގައި މިއަދުގެ ޕްރޮގްރާމު ފަށާފައިވާ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް ޙަސަން ޒަރީރް ވިދާޅުވިއެވެ.
“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ޕްރިންސިޕަލް ވިދާޅުވީ ނާސްތާ ޕްރޮގްރާމު ފަށާކަމެއް ދަރިވަރުންނަށް ވެސް އަދި މުދައްރިސުންނަށް ވެސް ނޭނގޭނެ ކަމަށާއި މިއީ އެންމެންނަށް ލިބިގެން ދިޔަ ސަޕްރައިޒެއް ކަމަށެވެ.
“ހުރިހާ އެންމެން ސްކޫލަށް އައި އިރު ނާސްތާ ހުރީ ތައްޔާރުކޮށް. ދަރިވަރުން ކިޔެވުން ފެށީ ނާސްތާ ކޮށްގެން” ޕްރިންސިޕަލް ވިދާޅުވިއެވެ.
އާ އަހަރުގެ ކިޔެވުން ފަށާއިރު 25 ސްކޫލެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިޔަ ނަމަވެސް 2 ވަނަ ސެމިސްޓަރ އިން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޕްރޮގްރާމު ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރު ވިދާޅުވިއެވެ.
ޔުނިސެފްގެ އެހީއާ އެކު މިނިސްޓްރީން ވަނީ ނާސްތާއަށް 10 މެނޫއެއް ވެސް ތައްޔާރުކޮށްފަ އެވެ. އޭގެ ތެރޭގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި ތަރުކާރީ މަސްހުންޏާއި ބަރަބޯ މަސްހުންޏާއި ސޭންޑްވިޗް ފަދަ ތަކެތި ހިމެނެ އެވެ. ދަރިވަރުންނަށް ކޮންމެ ދުވަހަކު ވެސް އޭގެ ތެރެއިން ތިން މެނޫއެއް އޮންނާނެ އެވެ.
ނާސްތާ ފަށާފައިވާ 25 ސްކޫލުގެ ޖުމުލަ އާބާދީ އަކީ 14،720 އެވެ. އޭގެ ތެރެއިން ވެސް ނާސްތާ ދޭން ހަމަޖައްސާފައިވަނީ ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ. އެ ދަރިވަރުންނަށް ނާސްތާ ދޭނީ ކިޔެވުން ފެށުމުގެ ކުރިން ކްލާސްރޫމުގަ އެވެ.