އާބާދީގައި 13000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ފުވައްމުލައް ސިޓީގައި ދޭތެރެދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ އަކީ އާންމުކަމެކެވެ. މިއީ އިއްޔެއަކު މިއަދަކުގެ ވާހަކައެއް ނޫނެވެ. މިއީ މީގެ އެތައް އަހަރެއް ކުރީގެ ވާހަކައެވެ. 2016 ވަނަ އަހަރުން ފެށިގެން މި މައްސަލަ އިތުރަށް ބޮޑުވެފައިވާއިރު، މިކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުންވެސް ވަނީ އެކި ވަރުގެ މަސައްކަތްތައްވެސް ކޮށްފައެވެ. އެހެންނަމަވެސް މިއީ ދާއިމީ ނަތީޖާއެއް ފެންނަ ފަދަ މަސައްކަތްތަކެއް ނޫނެވެ. މި ހައްލަކީ ނުވަތަ މި ކުރެވޭ މަސައްކަތްތަތަކީ ‘ވަގުތީ’ ހައްލުތަކެކެވެ.
މި މައްސަލައިގެ އިތުރުން ފުވައްމުލައް ސިޓީގެ އިންޖީނުގެ ހުންނަ ސަރަހައްދުގެ ސަބަބުން ވެސް އެކަމުގެ ދުއްތުރާތައް އާންމު ރައްޔިތުންނަށް އިންތިހާއަށް ފޯރައެވެ، މިހާރުގެ އިންޖީނުގެ ހުރީ ރައްޔިތުން ދިރިއުޅޭ ގެ ތަކުގެ މެދުގައި ކަމުގައި ވާތީ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު އިންޖީނުގެއިން ދުމުގެ އަސަރުކުރުމާއި އެ ހިސާބުގެ އަޑު އިންތިހާއަށް ގަދަވުމަކީ ރައްޔިތުންގެ ފަރާތުން އަޑުއިވެމުންދާ ނިމުމެއް ނެތް ޝަކުވާއެކެވެ. ހާއްސަކޮށް ގެސްޓްހައުސް ވިޔަފާރިކުރާމީހުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެކެވެ. މިހާރު ފުވައްމުލައް ސިޓީގައި ބޭނުން ކުރަމުން އަންނަ އިންޖީނުގެ އަކީ ދުވަސްވެފައިވާ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރ.އޭ) އާއި އެންވަޔަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) ގެ ގަވާއިދުތަކަށް ނުފެތޭ އިމާރާތެކެވެ.
އިރުއިރުކޮޅާ ކަރަންޓް ކެނޑޭތީ، ގޭތެރޭގައި ބޭނުންކުރާ ކަރަންޓުގެ ބައެއް ސާމާނުތައް ހަލާކުވުމާއި، އިންޖީނުގެ ސަރަހައްދުގައި ދިރިއުޅުމެން ދިޔަ ރައްޔިތުންގެ އިތުރުން މުޅި ފުވައްމުލައް ސިޓީ އެންމެންގެ މި ކަންބޮޑުވުމަށް އެދެވޭ ދާއިމީ ހައްލެއް ލިބިދާނެކަމުގެ ކޮޅުމަތިވެސް ޒަމާންތަކަކަށްފަހު ވަނީ ފެނިގެން ގޮސްފައެވެ.
މި މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ ސަމާލު ކަމަށް ގެނެވުނެވެ. އޭރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ ފުވައްމުލަކު ރައްޔިތުންގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރެއް ހަމަޖެހި، އަދި އެ މަސައްކަތް އަވަސްކުރުމަށްޓަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާކަމަށެވެ. 2021 ވަނަ އަހަރުގެ އެޕްރީލް މަހުގެ 02 ވަނަ ދުވަހު ސައީދު ވިދާޅުވެފައިވަނީ ރައީސް އެދިވަޑައިގެންނެވީ އެ މަސައްކަތުގެ އަމަލީ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފެށުމަށް ކަމަށެވެ.
ރައީސްގެ އެންގެވުމާއި އެއް ގޮތަށް މިކަމުގެ އަމަލީ ފަސައްކަތް ފެށިގެން ދިޔައެވެ. ފުވައްމުލަކުގެ އައު އިންޖީނުގެ އެޅުމަށް ކައުންސިލުން ފެނަކަ ކޯޕަރޭޝަނަށް 80 ހާސް އަކަ ފޫޓްގެ ބިމެއް ދިނެވެ. 08 އެޕްރީލް 2021 ގައި ފުވައްމުލައް ސިޓީގެ އައު އިންޖީނުގެ އަދި އޮފީސް ޢިމާރާތުގެ ބިންގާ އެޅިގެން ދިޔއިރު، މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ފުވައްމުލައް ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުކުރެވި ދާދިއަވަހަށް އެކަމުން މިންޖުވެ، ރައްޔިތުންނަށް ފަސޭހަކަން ލިބިގެންދާނެ ކަމަށެވެ. ހަމައެއާއެކު އިންޖީނުގޭގެ މައްސަލަތަކަކީ، މި ސަރުކާރު އައުމުގެ ކުރިން ވަރަށް ބޮޑަށް އުނދަގޫވެފައި އޮތް ކަމެއްކަން ފާހަގަކޮށް ފައިސަލް ނަސީމް ވިދާޅުވީ މި ސަރުކާރު އައުމާއެކު، ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބިގެން ދިޔަކަމަށެވެ. “އަދި މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ދާއިމީ ޙައްލަކާ ދިމާއަށްގޮސް، މުޅި ރަށަށް ބޭނުންވާ ޒަމާނީ އިންޖީނުގެއެއްގެ ބިންގާއެޅި، އިރާދަކުރެއްވިއްޔާ، ދާދިއަވަހަށް އަޅުގަނޑުމެންނަށް މި އިންޖީނުގޭގެ ފަސޭހަކަން، މުޅި ރައްޔިތުންނަށް ލިބިގެންދާނެ” ފައިސަލް ނަސީމް ވިދާޅުވިއެވެ،
އާ އިންޖީނުގެއް އިމާރާތްކުރުމުގެ އިތުރުން މި ޕްރޮޖެކްޓް ގެ ދަށުން ރަށުގެ ކަރަންޓް ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމާއި ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެ ކަމަށް އޭރު ފެނަކައިން ބުންޏެވެ. ފެނަކައިން އޭރު ބުނެފައިވަނީ މި މަޝްރޫޢުގެ މަސައްކަތް މުޅިން ނިމޭއިރު، އިންޖީނުގޭގެ ޚިދުމަތް ފެށޭ މިންވަރަށް ހުރިހާ މަސައްކަތެއް ހުންނާނީ ނިމިފައިކަމަށެވެ. އެގޮތުން އިންޖީނުގެ ތަކުގެ މަސައްކަތް ފުރިހަމަ ކުރެވިފައި ވުމާއި، އިންޖީނުތައް ބެހެއްޓުމާއި، ބޭނުންވާ އިކުއިޕްމަންޓްތައް ހަމަކޮށް ނިމިފައި ހުންނާނެ ކަމަށް ފެނަކައިން ބުންޏެވެ.
މީގެ އިތުރުން ފުވައްމުލަކުގެ ކަރަންޓުގެ ނެޓްވަރކް އަޕްގްރޭޑްކުރުމާއި، ކޭބަލް ނެޓްވޯކާއި، ޑިސްޓްރިބިއުޝަން ފޮށިތައް އަޕްގްރޭޑްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ. މަޝްރޫއުގެ އެންމެ ބޮޑު ފައިދާއެއް ކަމަށް ފެނަކައި އިން ފާހަގަކޮށްފައިވަނީ ރަށުގައި ޒަމާނީ އިންޖީނުގެއެއް އެޅުމާއި ރަށުގެ ރައްޔިތުންނަށް މިހާރަށްވުރެން ފެންވަރު ރަނގަޅު ކަރަންޓުގެ ޚިދުމަތް ލިބިގެންދިއުމެވެ.އަދި އިންޖީނުގޭގެ މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް މަސައްކަތް ކުރެވޭނެ އިންތިޒާމު ގާއިމް ކުރެވިގެން ދިއުމެވެ.
މި އިންޖީނުގޭގެ މަސައްކަތް ނުފެށި ފަސް މަހަށްވުރެ ގިނަ ދުވަސްވި ފަހުން ފުވައްމުލައް ސިޓީ ކައުންސިލުންވަނީ ބިންގާ އަޅާފައިވާ އާ އިންޖީނުގޭގެ މަޝްރޫއާއި ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަން ސާވޭއެއް އޮންލައިންކޮށް ކުރިޔަށް ގެންގޮސްފައެވެ. ފުވައްމުލައް ސިޓީގައި ބިންގާ އަޅާފައިވާ އާ އިންޖީނުގޭގެ މަޝްރޫއާއި ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަން ސާވޭއެއް ކުރުމުގެ ބޭނުމަކީ މަޝްރޫއާއި ގުޅިގެން ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމެއް އޮތްތޯ ބެލުން ކަމަށް އޭރު ކައުންސިލުންވަނީ ބުނެފައެވެ.ބިންގާ އަޅާ ނިމިފައިވާ ތަނަކާއި ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލު ދެން ހޯދުމުގެ ބޭނުމަކީ ކޮބައިތޯ ގިނަ ބަޔަކު ސުވާލުކޮށްފައިވާއިރު، މި ސާވޭއަކީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައްކަމަށް ބުނެ ގިނަ ބަޔަކު ވަނީ އޭރުވެސް ފާޑުކިޔާފައެވެ. އަދި މިއީ ދެއްކި ‘ދަޅައެއް’ކަމަށް ގިނަ ބަޔަކު ގަބޫލުކޮށްފައިވާއިރު އެންމެ ފަހުން މި އޮތީ އެކަމަށް ބާރު ލިބޭ ހެކިތައްވެސް ރައްޔިތުންނަށް ފެނިފައެވެ.
މީގެ 10 މަސްކުރިން ބިންގާއެޅި އިންޖީނުގޭގެ ބިންގާވެސް ނުފެންނަވަރަށް އެ ސަރަހައްދުގައި ބުރުފަޅާފައިވާއިރު، މިކަމަށް ‘ޖޯކުޖެހި’ މީހުންވެސް ވަރަށް ގިނައެވެ. އެހެންނަމަވެސް މިހާރު އަނެއްކާވެސް މި އޮތީ އެ އިންޖީނުގޭގެ ބިމުގެ މަންޒަރު މުޅިން ބަދަލުވެފައެވެ. ގިނަ ދުވަސްތަކަކަށް ފަހު އެތަނުގެ ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ މިފަހަރު މިދާ ‘ބާރު ސްޕީޑު’ގައި އެ މަސައްކަތް ނިންމާލުމެވެ. ބިން ސާފުކުރުމަށްފަހު، އިމާރާތުގެ މަސައްކަތް ނިންމުމަށް އިތުރު 10 މަހަށް އިންތިޒާރުކުރަން ނުޖެހުމެވެ. ރައްޔިތުންގެ ހުރިހާ އުއްމީދެއް ގުޅިގެން ދިޔައީ ބިންގާއެޅުނު އާ އިންޖީނުގެއާއެވެ. ހާއްސަކޮށް މިހާރު އިންޖީނުގެ ހުރި ސަރަހައްދުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ލިބިގެންދާނެކަމަށް އެ މީހުން ގަބޫލުކުރެއެވެ.