English Edition
Dhivehi Edition

ބޮލީވުޑްގެ ފިލްމީތަރި ފަރްހާން އަހްތަރު، އާއި އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި މޮޑެލް ޝިބާނީ ދަންޑެކާރު ކައިވެނި ކޮށްފިއެވެ.

ފަރްހާން އާއި ޝިބާނީގެ ކައިވެނީގެ ރަސްމިއްޔާތުތައް ބާއްވާފައިވަނީ ކަންޑާލާގައި ހުންނަ ފަރުހާން އަޚްތަރުގެ ބައްޕަ، ޖާވިދު އަޚްތަރު ގެ ”ސްކޫން” ގައެވެ. މި ކައިވެނީގެ ހަފްލާގައި ބޮލީވުޑްގެ ބައެއް ފަންނާނުން ބައިވެރިވިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވާއިރު، މި ކައިވެނީގެ ހަފްލާގައި ބައިވެރިވި ތަރިންގެ ތެރޭގައި ރިއާ ޗަކްރަބަތީ، އަމްރިތާ އަރޯރާ ހިމެނެއެވެ.

ފަރްހާން އާއި ޝިބާނީގެ 2020 ވަނަ އަހަރުވެސް ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، އޭރު ފަރުހާން އަޚްތަރުގެ ބައްޕަ، ޖާވިދު އަޚްތަރު ބުނީ އެކަހަލަ ވާހަކައެއް ފަރްހާން ހިއްސާކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް ގިނަ ފަހަރެއްގެ މަތިން އޭނާގެ ލޯބިވެރިޔާ ޝިބާނީ އާ ދިމާވެފައިވާ ކަމަށާއި އޭނާ އަކީ ފަރްހާން އަށް އިހްތިރާމް ކުރާ، ލޯބި ކުއްޖެއް ކަމަށް ޖާވިދު ވަނީ ބުނެފައެވެ.

ފަރްހާން އާއި ޝިބާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު މި ދެ ތަރިންގެ ކައިވެނި ކުރަން އުޅޭ ކަންވެސް އިއުލާންކޮށްފައިވަނީ ޖާވިދެއެވެ.

މީގެ ކުރިން ފަރްހާން، އަދުނާ ބަބާނީ އާ ކައިވެނިކޮށްފައިވާއިރު އެދެމަފިރިންނަށް ދެ ދަރިން ވެސް ލިބިފައިވެއެވެ. އެ ދެ ދެމީހުންގެ ކައިވެނި ރޫޅުނީ 2017 ވަނަ އަހަރުގައެވެ.