English Edition
Dhivehi Edition
ފޮޓޯ:އޭއޯ ނިއުސް

ފުވައްމުލައް ސިޓީ ކައުންސިލުން އެކިއެކި ބޭނުންތަކަށް، އެ ސިޓީން ބިން ދޫކުރުމާ ބެހޭ ގަވައިދު އެކުލަވާލާ, އާއްމުކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، މި ޤަވާއިދަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާ އާއި 152 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން އެކުލަވާލާފައިވާ ގަވައިދެއްކަމަށެވެ.

އެ ކައުންސިލުން އާންމުކުރި ގަވައިދުގައި ބުނެފައިވަނީ ބިންދޫކުރުމާއި ގުޅޭ ގޮތުން ހުށަހެޅޭ ހުރިހާ މައްސަލަތަކެއް އެ ގަވައިދުގެ ދަށުން ނިންމަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވައިދުތަކާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުންގެ މަތިންކަމަށެވެ.

މި ގަވައިދުގެ ދަށުން ބިން ދޫކުރެވޭނީ

  • ދައުލަތުން ހިންގާ ޕްރޮޖެކްޓަތަކަށް
  • އުމްރާނީ މަސައްކަތްތަކަށް
  • އިޖްތިމާއީ ބޭނުމަށް
  • ވިޔަފާރި ބޭނުމަށް
  • ތައުލީމީ ބޭނުމަށް

މީގެ އިތުރުން މި ޤަވައިދުގައިވާ ގޮތުން ފުވައްމުލައް ސިޓީއިން ބިން ދޫކުރަނީ އެކަމަށްޓަކައި އިއުލާންކުރުމުން، ބިން ހޯދުމަށް އެދި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތްތަކަށެވެ. އިތުރަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، އެ އިދާރާއިން ބިންވަކިކޮށްދޭ ތާރީހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ބިމުގައި ކަންމުޑި ރާނަންޖެހޭނެކަމަށެވެ. އަދި ބިން ވަކިކޮށްދޭތާ، އެއް މަސްދުވަހުގެ ތެރޭގައި، ބިމުގައި ބަދަލުދޭންޖެހޭ އެއްޗެއް ހުރި ނަމަ ބަދަލުދީ ނިންމުމަށްވެސް މި ގަވައިދުގައިވަނީ ބުނެފައެވެ.

އިތުރަށް އެ ގަވައިދުގައި ބުނެފައިވަނީ ބިން ހަވާލުކުރާތާ 4 މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަންޖެހޭނެކަމަށާއި 18 މަސްދުވަހުގެ ތެރޭގައި ބިމުގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތް ފަށަންޖެހޭނެކަމަށެވެ.