English Edition
Dhivehi Edition
ފުވައްމުލަކު ސިޓީ މޭޔަރު އިސްމާއީލް ރަފީގު ފޮޓޯޅ ފުލުހުން

‘ރައްކާ ރޯޑް ޝޯ’ ގެ ސަބަބުން ފުވައްމުލަކުގެ ކޮންމެ މީހަކަށް ވެސް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އައިސްފައިވާކަން، އަމިއްލައަށް ވިސްނާލުމުން ވެސް އެނގިގެންދާނެކަމަށް ފުވައްމުލަކު ސިޓީ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވެއްޖެއެވެ.

މިމަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މަގުފަހިވާ ގިނަ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުގެ، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޝީޝާ ހޮންޑާ މޯލްޑިވްސް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން، މިއަހަރު ރައްކާ ރޯޑް ޝޯ ބާއްވާފައިވަނީ ފުވައްމުލަކު ސިޓީގައެވެ.

ފުވައްމުލަކު ސިޓީގައި ބޭއްވި ރައްކާ ރޯޑް ޝޯވއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ރޭ ހާފިޒު އަހްމަދު ސްކޫލުގައި ބޭއްވި ހަފްލާގައި ފުވައްމުލައް ސިޓީ މޭޔަރު ވިދާޅުވީ މި ފަދަ ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ބޭއްވުމަކީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ފައިދާ ވަރަށް ރަނގަޅަށް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ވޭތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި ފުވައްމުލަކުގައި ހިންގި މި ޕްރޮގްރާމުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އައިސްފައިވާކަން، އަމިއްލައަށް ވިސްނާލުމުން ވެސް އެނގިގެންދާނެކަމަށެވެ، އަދި މި ޕްރޮގްރާމުގެ ތެރެއިން ގިނަ މައުލޫމާތުތަކެއް ހުރިހާ ރައްޔިތުންނަށް ވެސް ލިބިފައިވާތީ އެކަމާ އުފާކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތަކީ ބޭކާރު މަސައްކަތަކަށް ނެހެދުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރުމަށް އިލްތިމާސްކުރަމުން މޭޔަރު ވިދާޅުވީ މި މަސައްކަތަކީ ފުލުހުންގެ ވަރަށް ގިނަ ވަގުތާއި ގިނަ ހޭދަތަކެއް ކޮށްފައިވާކަމެއްކަމަށެވެ. އަދި މި މަސައްކަތް ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ފަރާތުން ބަލައިގަންނަން ވާނެކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް މޭޔަރު ވިދާޅުވީ މި މަސައްކަތް ބަލައިގަތުމަކީ ލިބުނު މައުލޫމާތާއި އެއްގޮތަށް އަމަލުތައް ބެހެއްޓުންކަމަށާއި ވަކިވަކި ފަރުދުން ކަންކަން ރަނގަޅުކުރަން ފެށުމުން ފުވައްމުލަކު ސިޓީގެ މަގުތައް އަމާންވެ ރައްކާތެރި ތަނަކަމަށް ވެގެންދާނެކަމަށެވެ.

މި ހަފުލާގައި، ފުވައްމުލަކު ސިޓީ ކޮމާންޑަރ ދެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކު ސިޓީގައި ރައްކާ ރޯޑް ޝޯވ ބޭއްމުމަށް ހަމަޖެހުނު ހިސާބުން ފެށިގެން މި ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ޓީމުތަކެއް އެކުލާލެވި އެޓީމްތަކުގެ ދަށުން އޯވަރލެޕް ނުވާގޮތަށް މަސައްކަތްތައް ކުރަމުންދިޔަކަން ފާހަގަކުރެއްވިއެވެ. އަދި ފުވައްމުލަކު ސިޓީގައި ކޮންމެ ދުވަހަކު ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ރައްކާ ރޯޑް ޝޯވގެ އެކި ހަރަކާތްތައް ހިންގުމުގައި ފުވައްމުލަކު ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި އެކި މުއައްސާތައް ގުޅިގެން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްކާ ޝޯވގެ ބައިވެރިން ފުވައްމުލަކު ސިޓިގެ ހުރިހާ އުމުރު ފުރާއެއްގެ މީހުންނަށް ކަމުދާނެގޮތަށް ބައްޓަންކޮށްގެން ދީފައިވާ މެސެޖުތަށް ވަރަށްވެސް ފުރިހަމަކަމަށާއި ފުވައްމުލަކު ސިޓީ ޕޮލިހުގެ ޒިންމާއަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މިކަންކަން އަބަދުވެސް ކުރިއަށް ގެންދިއުންކަން ފާހަގަކުރެއްވިއެވެ.

މި ހަފުލާގައި ފުވައްމުލަކު ސިޓީގައި ބޭއްވި ރައްކާ ރޯޑް ޝޯވއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެއެވެ.