ދުނިޔޭގައި ދިރިއުޅޭއިރު އެކި މީހުންނަށް ދިމާވަނީ އެކި ކަހަލަ ގޮންޖެހުންތަކެވެ. ބައެއް ގޮންޖެހުންތަކަކީ ކުޑަ މަސައްކަތަކުން ނުވަތަ ދިރިއުޅުމަށް ގެންނަ ކުޑަ ބަދަލަކުން ފަހަނައަޅައި ދެވޭނެފަދަ ގޮންޖެހުންތަކެވެ. އަނެއްބައި ގޮންޖެހުންތަކަކީ ފަހަނައަޅައި ދިއުމުގައި ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާ، ގިނަ ފައިސާ އެކަމަށް ޚަރަދުވުމުގެ އިތުރަށް އެެދަތުރުގައި ގިނަ އަހަރުތަކެއް ހޭދަވާ ގޮންޖެހުންތަކެވެ. މިފަދަ ހާލަތްތަކުގައި ގޮންޖެހުންތަކުން އަރައިގަތުމަކީ ދަތި ނުވަތަ ނުކުރެވިދާނެ ކަމެކޭ ހީވާ ފަހަރުވެސް ދެއެވެ. މިފަދަ ގޮންޖެހުންތައް ގިނަ ދުނިޔެއެއްގައި، ކިޑްނީ ބަލީގައި އެތައް އަހަރެއް ހޭދަކޮށް އަދިވެސް ބަލިން އަރައިގަނެވިފައިނުވާ މުޖުތަބާ އަލީގެ ވާހަކައަކީ ކެތްތެރިކަމާއި، ދީލަތިކަމާއި، މުޖުތަމަޢުގެ ރޫހާއި، ބީރައްޓެހިންގެ އާދަޔާ ޙިިލާފު އޯގާތެރިކަމުގެ ދިއްލާއެއް ކަމުގައި ފުދޭނެ ވާހަކައެވެ،
މީގެ 12 އަހަރު ކުރިން ކިޑްނީ ބަލީގެ ދަތުރު މުޖުތަބާ ފެއްޓިއިރު އޭނާއަކީ އާއިލާއާއިމެދު ފޮނި ހުވަފެންތަކެއް ސިކުނޑީގައި ކުރަހަމުން އައި މީހެކެވެ. ފިރިއެއްގެ މަޤާމުގައި އަދި ބައްޕައެއްގެ މަޤާމުގައިހުރެ އޭރު އޭނާ އުއްމީދުކުރި އަދި ބޭނުންވި ދިރިއުޅުމަށް ބޮޑު ބަދަލެއް އަތުވެ ޥޭނާއި ކެކުޅުމުން ފުރިފައިވީ ހަޔާތުގެ ދުވަސްތައް އަހަރުތަކަށް ބަދަލުވެ މިއަދު އޭނާ އަކީ އެހެން މީހުންނަށް ބަރޯސާވާންޖެހޭ އަދި ބަލިން އިތުރަށް ރަނގަޅުވެވޭނެ މާގިނަ ފުރުސަތުތަކެއް އޮތް މީހެއް ނޫނެވެ. ކެތްތެރިކަމާއެކު، ދިރިއުޅުމުގައި އޭނާއަށް ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ ދައްކައި ކިތަންމެ ޝަކުވާއެއް ކުރަން ބޭނުންވި ނަމަވެސް މިވަގުތަށް އޭނާއަށް ހަމައެކަނި ގޮތަކީ ހަފްތާއަކު 3 ދުވަހު ކިޑްނީ ޑައިލިސިސިސް ހެދުމެވެ. ދިރިހުރުމުގެ ހަމައެކަނި އުއްމީދު ގުޅިފައިވަނީ އެތައް ހަރަދެއް އެކަމަކަށް ހޭދަވާ، ކިޑްނީ ޓްރާންސްޕްލާންޓް ނުވަތަ ކިޑްނީ ބަދަލުކުރުމާއެވެ.
ނަމަވެސް 12 އަހަރު މިބަލީގައި ހޭދަކޮށް މިއަދު ތިމާގެ އަމިއްލަ ހަށިގަނޑުގައި ހުރި ބާރެއްވިއްޔާ ނެރެ ހިތްވަރުކޮށްގެންވެސް ކޮށްޅަށް ސީދަލަށް ހުރެލުމަކީވެސް ހުވަފެނެއް ކަމުގައި ދެކޭ މުޖުތަބާ މިއަދާއި ހަމައަށް ކޮށްފައިވާ ދަތުރަކީ ގޮންޖެހުންތަކުން ފުރިފައިވާ ދަތުރެކެވެ. އަދި ގިނަ މިފަދަ ބަލިމީހުންނެކޭ އެއްފަދައިން، މުޖުތަބާގެވެސް އެންމެ ބޮޑު ގޮންޖެހުމަކީ ފަރުވާއަށް ހޭދަވާނެހާ ފައިސާއެއް އަތުގައި ނެތުމެވެ. ބަލި ހާލަތުގައި ހުރެމެ، ބަލިން ރަނގަޅުވެވެން އޮތް ހަމައެކަނި މަގު ފެނި އެހެން ނަމަވެސް ތިމާ މީހާގެ މާލީ ހާލަތު އެކަމަށް ތަން ނުދޭނަމަ ހިތުގައި އަޅާނެ ވޭން އެންމެ ރަނގަޅަށް އިހުސާސްކުރެވޭނީ އަހަރުމެންގެ ތެރެއިން އެފަދަ ތަޖުރިބާތަކެއްކޮށްފައިވާ ފަރާތްތަކަށެވެ. ދައުލަތުން ދިވެހިރައްޔިތުންގެ ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސައިދެމުން އަންނައާއި އާސަންދަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ)ގެ އެހީތެރިކަން ލިބުނު ނަމަވެސް، މި ޕްރޮގްރާމްތަކުން ކުރާ ހަރަދުތަކަށް ވުރެ ބޮޑު ހަރަދެއް މިފަދަ ބައްޔެއް ތަހައްމަލުކުރާ މީހަކު އަމިއްލަ އަތުން ދާ ވާހަކައަކީ އާވާހަކައެއްނޫނެވެ. އެހެން ކަމުން މުޖުތަބާ މިއަދުވެސް މިބަލިން އަރައިގަތުމަށްޓަކައި ވަރަށް ގިނަ އަދަދަކަށް ފައިސާ އެބަ ބޭނުންވެއެވެ އިނގިރޭސި ހަރުބަހެއްގައިވެއެވެ. “ކަަމަކަށް ބޭނުންވާއިރު އެކަމެއް ހާސިލުކުރެވޭނެ ކަމުގެ އުއްމީދެއް ނުވަތަ އެކަން ހާސިލުކޮށްދޭނެ މެދުވެރިއެއްވެސް ވާނެއެވެ.” އެކަމަކު ބޭނުންވާ ތަނެއްގައި އުންމީދެއް ވެސް އޮވެއެވެ- އަދި އެ އުންމީދު އައީ ހީވެސް ނުކުރާ މަސްދަރަކުންނެވެ.
މުޖުތަބާވެސް އަދިވެސްހުރީ ބަލިން އަރައިގަތުމުގެ ޙިޔާލުތަކަށްގޮސް ގެއްލިފައެވެ. އެހެންނަމަވެސް މިއަދު އޭނާގެ މޫނުން އުފާވެރިކަމެއްވެސް ފެނެއެވެ. ކުރިން ކުރަމުން އައި އުއްމީދު އެއަށްވުރެން ހަގީގަތަކާއި ގާތްވެއްޖެކަމުގެ އިހުސާސް އޭނާއަށް އެބަކުރެވެއެވެ. ބަލިން އަރައިގަތުމުގައި އޭނާއަށް ދުވަހަކުވެސް އާދެވިފައި ނުވާހާ ގާތަށް އޭނާއަށް މިއަދު އާދެވިއްޖެއެވެ. ބަލިން އަރައިގަތުމަށް އޭނާއަށް އޮތް ހަމައެކަނި ފަރުވާކަމުގައިވާ ކިޑްނީ ބަދަލުކުރުމަށް އޮތް އެންމެ ބޮޑު ހުރަސްކަމުގައިވާ ފައިސާގެ ދަތިކަމަށް ބޮޑު ލުޔެއް އޭނާއަށް ލިބިގެންދާނެކަން އޭނާއަށް ކަށަވަރުވެއްޖެއެވެ. ތަހައްމަލު ކުރަމުން އޭނާ އަންނަ ބައްޔާއި އެބައްޔަށް ލިބެން އޮތް ތަސައްލީއާއި ދެމެދުވާ ފަރަގު ކުޑަކޮށްދިނީ އޭނާއާއި އެއް ރަށެއް ކަމަށްވާ ފުވައްމުލަކަށް ނިސްބަތްވާ ޒުވާން އަންހެނެކެވެ.
އަމްކޮއަކީ މިއަދު ހާއްސަކޮށް ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލު ނަމެކެވެ. ރިސޯޓު މުވައްޒަފެއްގެ ގޮތުގައި ފުލްޓައިމްކޮށް މަސައްކަތްކުރަމުން، ފުވައްމުލަކުގެ ސެލޫންއެއްގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަދި އޮންލައިންކޮށް އިތުރު ވިޔަފާރިތަކެއް ހިންގަމުން އަންނަ އަމްކޮއަކީ ހަމަގައިމުވެސް އޭނާ ދުވާލެއްގެ މައްޗަށް ކުރަންޖެހޭ މަސައްކަތްތައް އެ އުމުރުގެ ޒުވާނުންނާއި އަޅާކިޔާލައިފިނަމަ ގިނަ އަދި ބުރަ މަސައްކަތްތަކެކޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެހެން ނަމަވެސް މުޖުތަބާގެ ހާލަތު ފޭސްބުކް ޕޯސްޓަކުން ފެނި އެކަމާއިމެދު އޭނާއަށް އެހީތެރިވެވެން އޮތް ގޮތަކީ ކޮބައިކަން ދަނެގަނެ އެކަމުގައި އަވަސްވެގަންނާކަށް އޭނާ މާގިނަ ވަގުތުތަކެއް ހޭދައެއް ނުކުރެއެވެ.
ނަވާވީސް ހާހަށްވުރެން ގިނަ މީހުން މިވަގުތު އަމްކޮ އިންސްޓަގްރާމުގައި ފޮލޯ ކުރަމުން އަންނައިރު އޭގެތެރޭގައި ހަމަ އެފަދަ ބޮޑު ފޮލޯވާސް ލިސްޓެއްވާ މީހުން ތިބުމަކީ މިއަދު މުޖުތަބާގެވެސް ނަސީބޭ ބުނެވިދާނެއެވެ. އިންސްޓަގްރާމުގެ ފޮލޯވާސް މެދުވެރިކޮށްގެން އެމީހުންގެ އެހީތެރިކަމާއި އަދި އިތުރު އެތައް ދިވެހި ރައްޔިތުންނާއި، އަމްކޮ މަސައްކަތްކުރާ ދާއިރާގެ ގޮތުން ގުޅިފައިވާ އެކި ޤައުމުތަކުގެ ރައްޓެހިން މެދުވެރިކޮށް މިދިޔަ މަހުގެ ތެރޭގައިވެސް އަމްކޮވަނީ މުޖުތަބާއަށް ސައުވީސް ހާސް ރުފިޔާ އިންސްޓަގްރާމް މެދުވެރިކޮށް ހިންގި ފަންޑް ރެއިޒް ހަރަކާތަކުން ހޯދައިދީފައެވެ. އަދިވެސް މުޖުތަބާއަށް އިތުރު ފައިސާ ބޭނުންވާކަން އެނގި މިފަހަރު ކުރިއަށް ގެންދަމުން އަންނަ ފަންޑްރެއިޒް ހަރަކާތުން އަމްކޮ މަސައްކަތްކުރަނީ ހަތްދިހަ ހަހާސް ދިވެހި ރުފިޔާ ހޯދުމަށެވެ. އެއީ މުޖުތަބާގެ ކިޑްނީ ބަދަލުކުރުމުގެ ކްރޮސްމެޗު ހެދުމާއި އެއަށްފަހު ކުރިއަށްދާނެ ސިއްހީ ފަރުވާތަކަށް އަރާނެކަމަށް ލަފާކުރެވޭ ސަތޭކަ ސާޅީސް އަށްހާހެއްހާ ރުފިޔާގެ ދެބައިކުޅަ އެއްބައެވެ. މިރެއާއި ހަމައަށް ފަންސާސް ތިންހާހެއްހާ ރުފިޔާ އަމްކޮގެ މިފަހަރުގެ ހަރަކާތުންވަނީ އެއްކުރެވިފައެވެ.
އަމިއްލަ ޒިންމާތަކެއް ހުރެ ކުރިން ދުވަހަކުވެސް މުޖުތަބާއާ ބައްދަލުވެފައި ނުވިކަމުގައިވިޔަސް މުޖުތަބާއަށް އެހީތެރިވުމަށްޓަކައި އަމްކޮ ދައްކަމުން އަންނަ އަޒުމަކީ އިންސާނީ އޯގާތެރިކަމުގެ ވާހަކަ ދައްކާނަމަ އެތައް މިސާލުތަކެއް އެކަމާއި ގުޅުވައިގެން ނެގޭނެ ކަމެކެވެ. އަމްކޮ މިކަމުގެ ހުރިހާވެސް ތައުރީފަކާއި ޝުކުރެއް އަދާކުރަނީ އޭނާގެ މިހަރަކާތުގައި އޭނާއަށް އެހީތެރިވެ އަދި އިތުބާރުކޮށް ލާރި ހަދިޔާކުރި ފަރާތްތަކަށެވެ، އޭނާ ދަންނަ މީހުންނާއި ދުވަހަކުވެސް ބައްދަލުނުވާ މީހުން ހިމެނޭ ހެންނެވެ. ދިރިއުޅުމުގެ އެކި ދާއިރާތަކުން އެކި ފެންވަރުގެ މީހުންނަށެވެ. އެންމެ ކުޑަ އަދަދަކުން ފެށިގެން ގޮސް ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާކުރި ދީލަތި މީހުންނަށެވެ.
“މީހަކަށް އޯގާތެރިކަމާއިއެކު އެހީތެރިވުމުގައި އެއްވެސް ހައްދެއް، ބީރައްޓެހި ކަމެއް ނޯންނާނެކަން ސާބިތުކޮށްދިނުމުގައި އަމްކޮއާއި އެއްކޮށް ބައިވެރިވެފައިވާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.” އެކި ސަބަބުތަކާއި ހެދި ފައިސާ ހަދިޔާ ނުކުރެވުނު ނަމަވެސް، އެހެން މީހުންނަށް މިކަމަށް ހިއްސާ ކުރުމަށް ބާރުއަޅައިދިން އެންމެންވެސް ހިމެނޭހެން ޝުކުރުގެ ލިސްޓު ކިޔައިދެމުން އަމްކޮ ބުންޏެވެ.
މިއިހުސާސްތަކުން ފުރިގެންވާ ހަރަކާތުގެ ސަބަބުން މުޖުތަބާ މިހާރު ވަނީ އޭނާގެ ފުރާނަ ސަލާމަތް ކުރެވޭނެ ކިޑްނީ ޓްރާންސްޕްލާންޓް ކުރެވުމާއި ވަރަށް ގާތްވެފައެވެ. ޕޮޓެންޝަލް ޑޯނަރެއް ދެނެގަނެވިފައިވާއިރު އޭނާއަށް ދެން ކުރިއަށް އޮތް މުހިންމު ފިޔަވަޅަކީ ކްރޮސް މެޗް ޕްރޮސީޖަރއެވެ. މިއީ ކިޑްނީގެ ކޮމްޕެޓިބިލިޓީ ކަނޑައަޅާނެ ޕްރޮސީޖަރެކެވެ. ނަމަވެސް މިހާތަނަށް ހޯދި ފައިސާގެ ސަބަބުން މުޖުތަބާއަށް ތަސައްލީއެއް ލިބުމުގެ ދޮރާއްޓާހަމައަށް އައިސްފައިވާއިރު، ޓްރާންސްޕްލާންޓާއި އޮޕަރޭޝަންގެ ފަހުން ހޭދަވާނެ ފަރުވާގެ ބާކީ ހުރި ހަރަދުތައް ފޫބެއްދުމަށް އިތުރު ފައިސާތަކެއް އޭނާއަށް ބޭނުންވެއެވެ.
މުޖުތަމައުގެ ވަކިވަކި ފަރުދުން އެއްވެ ތިބެ އަމްކޮއާއި އެއްކޮށް މިކުރާ މަސައްކަތުގެ ވާހަކައަކީ އެއް މަޤްޞަދެއްގައި މީހުން އެއްވެއްޖެނަމަ ހާސިލްކުރެވޭނެ ކަންތައްތަކުގެ ވަރުގަދަ މިސާލެކެވެ. އަމްކޮގެ އިންސާނިއްޔަތުކަމާއި ޚިދުމަތްތެރިކަމާއި މިކަމުގައި އެހީތެރިވަމުންދާ މީހުންގެ ދީލަތިކަމުން އެއް އިރެއްގައި މުޖުތަބާއަށް މުސްތަޙީލު ހުވަފެނެއް ކަމުގައި ހީވި ކަންތައްތައް މިވަނީ ހަގީގަތަކަށް ބަދަލުވާން ކައިރިވެފައެވެ. މިހާރު، ހަމައެކަނި އިތުރު ކުޑަ އެހީތެރިކަމަކާއެކު، މުޖުތަބާ ހުރީ އާ ދިރިއުޅުމެއްގެ ދޮރުމަތީގައެވެ. މާތްﷲގެ އިރާދަފުޅާއި ކުޅަދުންވަންތަކަމާއި، ބީރައްޓެހިންގެ އޯގާތެރިކަމާއި، ފާހަގަކޮށްލެވޭ އެއް އަންހެނެއްގެ ފަސްނުޖެހޭ އަޒުމުގެ ސަބަބުން މުޖުތަބާއަށް ފަހިކޮށްދޭނެ ދިރިއުޅުމެކެވެ. އިންޝާﷲ