English Edition
Dhivehi Edition

އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރުކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އިންތިޚާބުވެއްޖެއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބު، އަސްލަމް ކާމިޔާބު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މިހާރުގެ ޕީޖީ ލީޑަރު އަލީ އާޒިމް އާއި ވާދަކޮށެވެ. މި އިންތިހާބުގައި އަސްލަމް އަށް 40 ވޯޓު ލިބުނު އިރު އަލީ އާޒިމްއަށް ލިބުނީ 25 ވޯޓެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ޕީޖީގެ ދެ ނައިބުންގެ މަގާމަށްވެސް މެމްބަރުންވަނީ އައްޔަންކޮށްފައެވެ. މި ގޮތުން އެ މަގާމަށް ތިން ކެނޑިޑޭޓަކު ކުރިމަތިލާފައިވާއިރު، 49 ވޯޓުން އިންތިހާބު ކާމިޔާބުކުރީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ)އެވެ. އެ މަގާމަށް ދެން ކުރިމަތިލެއްވި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސެއިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބުނީ 34 ވޯޓު ލިބުމާއި ގުޅިގެން ދެވަނަ ނައިބަކު އިންތިޚާބު ކުރުމަށްޓަކައި ވޯޓުލުމުގެ އިތުރު ބުރެއް ބާއްވާނެއެވެ.

ޕީޖީގެ އަމީންއާންމުގެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓު ކަމަށްވާ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސެއިން މުޙައްމަދު ދީދީއަށް 63 ވޯޓު ލިބުނު އިރު ޑެޕިއުޓީ އަމީން އާންމު ކަމަށް 35 ވޯޓުން އިންތިހާބުވީ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދުއެވެ.

މީގެ އިތުރުން އެމްޑީޕީ ޕީޖީގެ ޗީފް ވިޕް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުއްމުޣުނީ 34 ވޯޓުން ހޮވުނު އިރު އޭނާއާ ވާދަ ކުރެއްވި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީއަށް ލިބުނީ 31 ވޯޓެވެ.