ސ. މީދޫ، ޗިޗަންޑާގެ، މުޙައްމަދު ރުޝްދާނަކީ އުފަންވީއްސުރެ ‘ސެރެބްރަލް ޕަލްސީ’ ތަޙައްމަލު ކުރަމުން އަންނަ ޒުވާނެކެވެ. އުމުރުން މިހާރު 33 އަހަރުގެ ރުޝްދާން އުފެދުމުގައި ހުރި ނުކުޅެދުންތެރިކަމާ އެކު، ސިއްޙީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލަމުން ދަނިކޮށް، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާއަށް ވަނީ ކެތްނުކުރެވޭ ފަދަ ބޮޑު ވޭނަކާ ކުރިމަތިލާން ޖެހިފައެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި، ރުޝްދާން މިވަގުތު ތަޙައްމަލު ކުރަމުން ދަނީ ބަނޑުގެ ބައްޔެއް ކަމަށްވާ “ރައިޓް ސައިޑެޑް ރެޑިއުސިބަލް އިންގުއިނަލް ހާނިއާ” އެވެ.

މި ބައްޔަށް ސާޖަރީއެއް ހެދުމަށް ޑޮކްޓަރުން ލަފާދެއްވި ނަމަވެސް، ރުޝްދާންގެ އަނގަ ރަނގަޅަށް ނުހުޅުވުމާއި ސިއްޙީ އިތުރު މައްސަލަތައް ހުރުމުގެ ސަބަބުން، ހޭނައްތައިގެން މި ސާޖަރީ ހެދުމަކީ ފުރާނައަށް ނުރައްކާވެދާނެ ފަދަ ބޮޑު ރިސްކެކެވެ. އެހެންކަމުން، ޑޮކްޓަރުން ލަފާދެއްވާފައިވަނީ ރާއްޖެއިން ބޭރުން މި އޮޕަރޭޝަން ކުރުމަށެވެ. އަދި މިކަމަށްޓަކައި މިހާރު ވަނީ އާސަންދަ ވެސް ހަމަޖެހިފައެވެ.

ރުޝްދާނަށް ދިމާވެފައި ވާ އިތުރު މައްސަލަތަކަށް ބަލާއިރު އެތްމޮއިޑް، މެކްސިލަރީ، އަދި ސްފީނޮއިޑް ސައިނަސްތަކާއި ދެފަރާތުގެ އޮސްޓިއޯމީޓަލް ކޮމްޕްލެކްސްތަކަށް ފެތުރިފައިވާ ސައިނޯނޭސަލް ޕޮލިޕޯސިސް (މަސް ފޮޅު އުފެދުން) ހުރިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ކުއްލިއަކަށް ދިމާވާ ރައިނޯސައިނަސައިޓިސް އަދި މެކްސިލަރީ ސައިނަސައިޓިސް (ކަނާތްފަރާތަށްވުރެ ވައަތްފަރާތް ބޮޑަށް) ހުރިކަން އެނގެއެވެ. އަދި ނޭފަތުގެ ހުރަސް ކަށިގަނޑު ކުޑަކޮށް ވައަތްފަރާތަށް އަރިވެފައިވާ ކަމަށް ޓެސްޓް ތަކުން އެނގެއެވެ.
ރުޝްދާނުގެ ފަރުވާއަށް މި އަހަރު ޑިސެމްބަރު މަހު 25 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު އާސަންދައިގެ އެހީ ލިބުނު ކަމުގައި ވިޔަސް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހޭދަވާ މުއްދަތުގައި ޒަރޫރީ އެކި ބޭނުންތަކަށް ބޮޑު ޚަރަދެއް ހިނގާނެތީ، މިކަމަށް ގިނަ ޢަދަދެއްގެ ފައިސާ ބޭނުންވާނެ ކަމަށް ރުޝްދާންގެ މަންމަ މަޢުލޫމާތު ދެއެވެ. ނަމަވެސް، އާއިލާގެ މާލީ ތަނަވަސްކަން ހުރިގޮތުން މި ޚަރަދުތައް އަމިއްލައަށް ހަމަޖެއްސުމަކީ އެ އާއިލާއަށް ކުޅަދާނަ ކަމެއް ނޫނެވެ. އެހެންކަމުން، އެ އާއިލާއިން މިވަގުތު އެދެނީ ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންގެ ދީލަތި އެހީތެރިކަމަށެވެ.

އިންޑިއާގައި ފަރުވާއަށް ހޭދަވާނެ ސީދާ މުއްދަތެއް އަދި ދަންނަވަން ދަތި ނަމަވެސް، ރުޝްދާންގެ މަންމަ ޢާއިޝަތު ދިޔެ އެދެނީ ވެވެން އޮތް މިންވަރަކުން މާލީ ގޮތުން އެހީތެރިވެދެއްވުމަށެވެ. އަދި މާލީ އެހީތެރިކަން ދެވެން ނެތް ފަރާތްތަކުން ވެސް ރުޝްދާނަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ހެޔޮ ދުޢާ ކޮށްދިނުމެވެ.
ރުޝްދާން އަށް އެހީތެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މަންމަ. ޢާއިޝަތު ދިޔެ ގެ ނަންބަރ 7600711 މި ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އާއިލާއިން އެދެއެވެ.
ނޯޓް: މިނަމްބަރ އަށް ވައިބާ ކުރެވޭނެ.
އަދި ފައިސާގެ އެހީ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން:
އައިޝަތު ދިޔެ ބީއެމްއެލް އެކައުންޓް 7716497432101 އެކައުންޓް ނަން (ޢާއިޝަތު ދިޔެ) އަށް ފައިސާ ޓްރާންސްފާ ކުރެވޭނެއެވެ.
އަދި ޑޮލަރ އެކައުންޓް 7730000797085 އެކައުންޓް ނަން (މަރިޔަމް ހިމްޔާ) އަށް ޑޮލަރު ޓްރާންސްފާ ކުރެވޭނެއެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ.
“އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”
މާތް ﷲ އަށްޓަކާ އެހީތެރިވެދެއްވާ! މާތް ﷲ އަށްޓަކާ ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫން! ދެދުނިޔޭގަވެސް މަތިވެރި ވެގެންވާ ސަވާބާއި ދަރުމަ ލިބޭނެ، إن شاء الله!