ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް އެސް.އެމް ޝަފީއުއްދީން ރާއްޖެއަށް ކުރައްވަމުންގެންދަވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، މިއަދު އެމްއެންޑީއެފްގެ ހެޑްކޯޓަރޒްއަށް ޒިޔާރަތްކުރައްވައިފިއެވެ.
ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، އެމްއެންޑީއެފްގެ ހެޑްކޯޓާރޒްއަށް މިއަދު ޒިޔާރަތްކުރެއްވުމުން އެ މަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ. އަދި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަރިހަށް އެމަނިކުފާނު މިއަދު، އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ.
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިޔާ، ބަންގްލަދޭޝް އަސްކަރިއްޔާއިން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޓަކައި ޝުކުރުއަދާކުރައްވާފައިވެއެވެ. މިގޮތުން 2014 ގެ ސުނާމީއާއި 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދާދި ފަހުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރެއްވި ޔޫޓިލިޓީ ވެހިކަލްތަކުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، އެ ކަމަނާ ވަނީ، ބަންގްލަދޭޝް ސަރުކާރާއި އެ ޤައުމުގެ އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް، މިއަދު ބޭއްވި ބައްދަލުވުމުގައި، ދެ ޤައުމު ދެމެދު ދިފާޢީ އަދި އަސްކަރީ ދާއިރާއިން ގުޅުންތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދިވެހި އަސްކަރިއްޔާއާއި ބަންގްލަދޭޝް އަސްކަރިއްޔާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރައްވައި، މި ގުޅުމުގެ ތެރެއިން ދެ ޤައުމަށް ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކާއި ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ފަސޭހަވެގެން ގޮސްފައިވާކަން ހާމަކުރެއްވިއެވެ. އަދި، ރާއްޖެއަށް ކުރިމަތިވެފައިވާ ކާރިސާތަކާއި، ބޮޑެތި ހާދިސާތަކުގައި ބަންގްލަދޭޝްގެ އަސްކަރިއްޔާއިން އަބަދުވެސް އެހީތެރިވެދެއްވާކަން ފާހަގަކުރައްވައި، މިކަމަށް ޓަކައި ބަންގްލަދޭޝް ސަރުކާރާއި އެ ޤައުމުގެ އަސްކަރިއްޔާއަށް ޗީފް އޮފް ޑިފެންސް ފޯސް ޝުކުރު އަދާކުރައްވާފައިވެއެވެ. ވަކިން ޚާއްޞަކޮށް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންގްލަދޭޝް އަސްކަރިއްޔާއިން ވެދެއްވާފައިވާ އެހީތެރިކަން ޗީފް އޮފް ޑިފެންސް ފާހަގަކުރެއްވިއެވެ.
މި ޒިޔާރަތުގައި، ބަންގްލަދޭޝް އާމީ ޗީފްގެ އަރިހުގައި، ބަންގްލަދޭޝް އާރމީގެ 7 ވަނަ އިންފެންޓްރީ ޑިވިޝަންގެ ޖެނެރަލް އޮފިސަރ ކޮމާންޑިންގ މޭޖަރ ޖެނެރަލް ޚާން ފިރޯޒް އަޙުމަދާއި، ބަންގްލަދޭޝްއިން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކޮމޮޑޯރ ޝަފީއުލް ބާރީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން، މި ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްރަޙީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަށްފަހު، ބަންގްލަދޭޝް އަސްކަރިއްޔާއާއި، އެމްއެންޑީއެފްއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ޑިފެންސް ކޯރޕަރޭޝަންގެ ދާއިރާ ފުޅާކުރުމާ ބެހޭގޮތުން އެމްއެންޑީއެފްގެ ސަރވިސްތަކުގެ އިސް އޮފިސަރުންނާއި، ސްޓާފް އޮފިސަރުންނާއެކު މަޝްވަރާތައް ބާއްވާފައިވެއެވެ. މި މަޝްވަރާތަކުގައި، އެމްއެންޑީއެފްއަށް ބޭނުންވާ ލޮޖިސްޓިކްސް އައިޓަމްސް (ޔުނިފޯމް، ބޫޓު، ފީލްޑް ގިއަރފަދަ ތަކެތި) ހޯދުމާ ބެހޭގޮތުންނާއި، ސިފައިންގެ ކޯރޕަރޭޓް ޔުނިޓްތައް ކަމުގައިވާ ސިފްކޯ އަދި ސިވެކްއާއެކު ގުޅުން ޤާއިމްކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.
ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް އެމްއެންޑީއެފް ހެޑްކޯޓަރޒްއަށް މިއަދު ކުރެއްވި ޒިޔާރަތުގައި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންނާއި، ސީނިއަރ އެންލިސްޓެޑް ލީޑަރުންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި، މި ސަރަހައްދުގެ ސަލާމަތީ މަސްރަޙާއި ބެހޭގޮތުން، އަދި ވަކިން ޚާއްޞަކޮށް، ބަންގްލަދޭޝްއާއި ދިވެހިރާއްޖޭގެ ސަލާމަތަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ. އަދި، ބަންގްލަދޭޝްއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި ރަޙުމަތްތެރިކަން ފާހަގަކުރައްވާފައިވެއެވެ. އަދި، ދެ ޤައުމު ގުޅިގެން މިފަދަ ނުރައްކާތަކާއި ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިއްމުކަމާއި، މިކަމުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށް ކުރާނެ ފައިދާތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ.