English Edition
Dhivehi Edition

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝްގައި މިހާރު ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން މި ވަގުތު ބަންގަލަދޭޝްގެ ޗިޓަގޮންގްގައި ތިބި 83 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަށް ހައިކޮމިޝަނުން ގަވައިދުން ގުޅައި ހާލު ބަލަމުން އަންނަކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ދަރިވަރުންނާއެކު، ބަންގްލަދޭޝްގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މައުލޫމާތު ލިބިފައިވާ 119 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީއިން ވަނީ މި ވަގުތު ބަންގްލަދޭޝްގައި ބައެއް ވަގުތުތަކުގައި ކާފިއު އިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ފޮރިން މިނިސްޓްރީިއިން ވަނީ އެދިފައެވެ. ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބަރަކީ 1708 120 318 880+ އަދި 1329 748 885 880+ އެވެ.