English Edition
Dhivehi Edition

އައްޑޫ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަވަން ބާރުއަޅާނެކަމަށާއި އަދި މަސައްކަތް ލަސްވަނީ ނަމަ މުޒާހަރާ ކުރަންވެސް ނިކުއްނަވާނެކަމަށް އައްޑޫ ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރ މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ކައުންސިލަރ ފައިސަލް ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި މިހެންވިދާޅުވެފައި ވަނީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން އައްޑޫގެ ތިމާވެއްޓަށް އިޢާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ބުނެ އެ މަސައްކަތް ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭގޮތުން 7 ޖަމިއްޔާއަކުން ސަރުކާރަށް އިލްތިމާސެއްކޮށްފައިވަނިކޮށެވެ.

ފައިސަލް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފޭދޫ ބިންހިއްކުމުގައި ވެސް މިކަހަލަ ކަންތައްތައް ދިމާވިކަމަށާއި ނަމަވެސް ރައްޔިތުންނަށްޓަކައި އަދި ތަރައްޤީ އަށް މަގުފަހި ކުރުމަށް ރައީސް ޔާމީން ބިން ހިއްކަވައި ދެއްވި ކަމަށެވެ. އެހެންކަމުން މިފަހަރުވެސް އައްޑޫ ބިން ހިއްކާނެ ކަމަށެވެ.

ފައިސަލްގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރާއި އިތުރު ކައުންސިލަރުން ވެސް ވަނީ އައްޑޫ ބިންހިއްކުމުގެ މަޝްރޫޢަށް ހުރަސްނޭޅުމަށް ގޮވާލާފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަން ނިންމާފައިވާ ބިންހިއްކުމުގެ މަޝްރޫގެ ދަށުން އައްޑޫން ގާތްގަނޑަކަށް 236 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެ އެވެ.

އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިތަދޫގެ ޒޯން 1 އިން 50 ހެކްޓަރ، ޒޯން 2 އިން 40 ހެކްޓަރ، ހުޅުދޫ މީދޫން 38 ހެކްޓަރ، މަރަދޫ / މަރަދޫފޭދޫން 75 ހެކްޓަރ އަދި ރިސޯޓުތައް ތަރައްޤީ ކުރުމަށް 25 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.