English Edition
Dhivehi Edition

ރާއްޖޭގެ ކޮންމެ ރަށަކީ ތާރު އަޅަންޖެހޭ ރަށެއް ނޫންކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މިހާރު އިންފްރާސްޓްރަކްޗާ މަސައްކަތެއް ގޮތަށް އެންމެ ޑިމާންޑު ބޮޑު މަސައްކަތަކީ މަގުހެދުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން22 ރަށެއްގެ މަގުހެދުމުގެ މަސައްކަތް ހަވާލު ކުރެވިފައިވާކަން ހާމަކުރައްވަމުން އަސްލަމް ވިދާޅުވީ 19 ރަށެއްގެ މަގުހެދުން ޕްލޭން ކޮށްފައިވާކަމަށެވެ.

އިތުރަށް އަސްލަމް ވިދާޅުވީ ރަށްރަށަށް ތަރައްގީ އައުމާއިއެކު ރައްޔިތުން ކުރާނެ ޑިމާންޑްތަކަށް ބަަދަލު އަންނާނެ ކަމަށެވެ. އެހެންނަމަވެސް ކޮންމެ ރަށެއްގައި ތާރު އެޅުން އެއީ ކުރަން ޖެހޭ ކަމެއް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.

އެއްކޮޅުގައި ހުރެފައި އަނެއްކޮޅުގައި ހުންނަ މީހާއަށް ގޮވާލީމަ އަޑުއިވޭ ރަށްރަށް ރާއްޖޭގައި އެބަހުރިކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ އެ ރަށްރަށުގައި ވެސް ތާރު އަޅަން ޑިމާންޑު ކުރާކަމަށެވެ. “މި ދެންނެވި ސައިޒުގެ ރަށެއްގައި ޓެކްސީތަކެއް ޕްރައިވެޓް ކާރުތަކެއް ހުންނަން ޖެހޭނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،” އަސްލަމް ވިދާޅުވިއެވެ. މީގެ އިތުރުން އަސްލަމް ވިދާޅުވީ މެދުމިންވަރެއްގެ ޓްރެފިކް ހުންނަ ރަށްރަށުގައި ވެސް ތާރު ނާޅައި ފުއްދައި ލެވިދާނެ ކަމަށެވެ.