English Edition
Dhivehi Edition

ތ. ތިމަރަފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށޭނީ މިއަހަރުގެ ފަހު ކްއާޓަރ ހިސާބުގައި ކަމަށް ހައުސިންގ އެންޑް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެމްބަރ ޢަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިއަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ގޮތުގައި ހިމަނާފައިވާ ތ. ތިމަރަފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް ސާފު ކޮށްދެއްވުމަށް އެދިވަޑައިގަތުމުން މިނިސްޓަރ އަސްލަމް ވިދާޅުވީ އެ މަސައްކަތް ކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމަށާއި މަސައްކަތް ފެށޭނީ މިއަހަރުގެ ފައިނަލް ކްއާޓަރގައި ކަމަށެވެ.

“ރައީސުލްޖުމްހޫރިއްޔާ ވޭތުވެދިޔަ އަހަރުގެ ފަހުކޮޅު ތިމަރަފުއްޓަށް ކުރެއްވި ޒިޔާރަތެއްގައި ތިމަރަފުށި ރައްޔިތުންގެ އެދިވަޑައިގަތުމަކަށް މިއަހަރުގެ ބަޖެޓުގަ ތިމަރަފުށި ބަނދަރު އަޕްގްރޭޑް ކޮށްދޭން ހިމަނުއްވައިދެއްވާނެ ވާހަކަ ވިދާޅުވެފަ ވާނީ. މިއަހަރުގެ ބަޖެޓު އެ މަސައްކަތް ވަނީ ހިމެނިފަ. މަސައްކަތް ތާވަލު ކުރެވިފަ އޮތީ އަޅުގަނޑުމެންނަށް މި މަސައްކަތް ފެށޭނީ މިއަހަރުގެ ފައިނަލް ކްއާޓަރ އާ ހިސާބުގަ.” މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.