English Edition
Dhivehi Edition
އައްޑޫގައި ކުރިއަށްދާ ޓްރެފިކް އޮޕަރޭޝަން

އައްޑޫގައި ފުލުހުން ހިންގާ އޮޕަރޭޝަނެއްގައި ބާރު ސްޕީޑްގައި ދުއްވާ ފަރާތްތައް ދެނެގަތުމަށް، ސްޕީޑް ގަން ބޭނުން ކުރަން ފަށައިފިއެވެ. ބުދަ ދުވަހުގެ ހެނދުނު މިޚިދުމަތް ފެށީ ހިތަދޫ ބޮޑުމަގުގެ ސިޓީ ސެންޓްރަލް ސަރަޙައްދުގައި ވީސީޕީ ޖަހައިގެންނެވެ.

އައްޑޫ ސިޓީގެ މަގުތަކަކީ އަމާންތަނަކަށް ހެދުމަށްޓަކައި ހިންގާ ޚާއްސަ ޕްރޮގްރާމެއްގެ ގޮތުން ވޭތުވެ ދިޔަ ހަފްތާއިން ފެށިގެން ފުލުހުން ގެންދަވަނީ ޓްރެފިކް އޮޕަރޭޝަނެއް ހިންގަވަމުންނެވެ. މި އޮޕަރޭޝަނާއެކު ބާރު ސްޕީޑްގައި ދުއްވާ ފަރާތްތަކާއި ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ފާހަގަކުރެވިފައިވާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

ބުދަދުވަހުން ފެށިގެން ސްޕީޑް ގަން ބޭނުން ކުރަނީ މިކަންކަން އިތުރަށް މޮނިޓަރކޮށް ބެލުމަށްޓަކައިކަމަށް ފުލުހުން ވިދާޅުވެއެވެ.

މަގުމަތީގައި ހިނގާ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވުމުންނާއި ނުރައްކާތެރިކޮށް ދުއްވުމުން ކަން ފުލުހުން ފާހަގަ ކުރެއެވެ. އަލަށް އެކުލަވާލެވުނު ފުލުހުންގެ ޤާނޫނުގައިވާ ގޮތުން ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން އަޅާ ގާނޫނީ ފިޔަވަޅު އޮންނަނީ ފުރަތަމަ ފަހަރަށް ބާރަށް ދުއްވުމުން 500 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އެ ކުށް ތަކުރާރުކޮށްފިނަމަ 48 ގަޑި އިރަށް ލައިސެންސް ހިފެހެއްޓުމަށްފަހު 750 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. އަދި 3 ވަނަ ފަހަރު ކުށަށް އަރައިގަތުމުން އެދުއްވި އުޅަނދެއް 15 ދުވަހަށް ޓޯ ކުރުމަށް ފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ.

މިގާނޫނުގައިވާ ގޮތުން ނުރައްކާތެރި ދުއްވުން ތަކުގެ ގޮތުގައި ބެލެވެނީ މަގުމަތީގައި އެހެން މީހުންނަށް އުނދަގޫ ވާގޮތަށް ދުއްވުމާއި މަސްތުގެ ޙާލުގައި ހުރެގެން ދުއްވުމާއި މަޑުކުރަން ޖެހޭ ގޯޅި ނުވަތަ ބަންޕަރަށް މަޑު ނުކޮށް ދުއްވުމާއި ބެލުމެއް ނެތި އޯވަޓޭކް ކުރުންފަދަ ކަންކަމެވެ. ނުރައްކާތެރިކޮށް ދުއްވައިފިއްޔާ އެއުޅަނދެއް 30 ދުވަހަށް ޓޯ ކުރެވެއެވެ.

އައްޑޫގައި އަލަށް ބޭނުންކުރަން ފެށި ސްޕީޑް ގަން އަކީ، ބާރު ސްޕީޑުގައި ދުއްވާ އުޅަނދާއި އުޅަނދު ދުއްވަން އިންނަ މީހާގެ ފޮޓޯ، ނަގައި ވަގުތުން ވީޑިއޯ ރެކޯޑްކުރެވޭ ނިޒާމެކެވެ. އަދި އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ރެކޯޑްކުރެވި، އުޅަނދު ދުއްވި ސްޕީޑާއި ދުރުމިން ވަގުތުން އަންގައިދެއެވެ. ފުލުހުން ބޭނުން ކުރާ ސްޕީޑް ގަން އިން 320 ކިލޯ މީޓަރު ބާރުމިނުގައި ދުއްވާ އުޅަނދުތައްވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރެކޯޑްކޮށް، ރެކޯޑްތައް ރައްކާކުރެވެއެވެ.