English Edition
Dhivehi Edition

ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ވަގުތު ޔޫކްރެއިންގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިން، ފޮރިން މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރީ ވުމަށް އެދިފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގެ ދެ ސަރަހައްދެއްގައި ދިވެހިން އުޅޭ ކަމަށާއި އެ ގައުމުގައި ތިބި 50 އަށް ވުރެ ގިނަ ދިވެހިންގެ ހާލަތު ގާތުން ބަލަމުން އަންނަކަމަށެވެ،

ޔޫކްރެއިން އާއި ރަޝިޔާގެ ހަމަނުޖެހުންތައް ބޮޑުވެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅު އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އެހެން ޤައުމުތަކުންވެސް ވަނީ ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ވީއެންމެ އަވަހަކަށް ޔޫކްރެއިން ދޫކޮށް ދިޔުމަށް އެދިފައެވެ.