English Edition
Dhivehi Edition
ޕާސްޕޯޓް ކާޑު ތައާރަފް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ބައިނަލްއަޤުވާމީ ދަތުރުތަކުގައި މިހާރު ބޭނުންކުރަމުން އަންނަ ދިވެހި ޕާސްޕޯރޓްގެ ބަދަލުގައި ފައިސާގެ މުއާމަލާތްތައް ވެސް ކޮށްލެވޭ ޕާސްޕޯޓް ކާޑް އިމިގްރޭޝަނުން މިއަދު ތައާރަފްކޮށްފި އެވެ

މިކާޑް ތައާރަފްކޮށްދެއްވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ރައީސް އަބްދުﷲ ޔާމީން އެވެ. އެ ހަފްލާގައި އިމިގްރޭޝަނުން ވަނީ ރައީސް އަބްދުﷲ ޔާމީންއަށް ޕާސްޕޯޓް ކާޑް ހަދިޔާކޮށްފަ އެވެ.މި ކާޑް ރައީސުލްޖުމްހޫރިއްޔާ ޙަވާލުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި އެލައިޑް އިންޝްއަރެންސާ ގުޅިގެން އިމިގްރޭޝަނުން ތައާރަފްކުރި ޕާސްޕޯޓް ކާޑް ބައިނަލްއަޤުވާމީ ދަތުރުތަކުގެ އިތުރުން އެތެރޭގެ އުދުންތަކުގައިވެސް ބޭނުންކުރެވޭނެއެވެ. އަދި އޭޓީއެމުން ފައިސާ ނެގުމާއި ޑްރައިވިން ލައިސަންސްގެ އިތުރުން ވިޔަފާރިކުރުމުގައިވެސް މި ކާޑް ބޭނުންކުރެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. ފޮލީ ކާރބަން މެޓީރިއަލް ތައްޔާރުކޮށްފައިވާ މި ކާރޑް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް އިތުރުކުރެވޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ

ރާއްޖެއަށް އަލަށް ތަޢާރަފްކުރި ޕާސްޕޯޓް ކާޑަކީ ސެކިއުރިޓީ ފީޗަރސް ވަރުގަދަ ކާޑެއްކަމަށާއި މި ކާޑްގައި އޭގެ ވެރިފަރާތުގެ ހުރިހާ މަޢުލޫމާތެއް ހިމެނޭނެކަމަށްވެސް އިމްގިރޭޝަނުން ބުނެއެވެ.

ޕާސްޕޯޓް ކާޑް ބޭނުން ކުރާ ގައުމުތައް ނިސްބަތުން ދުނިޔޭގައި އަދި ވަރަށް މަދެވެ. އެގޮތުން އެންމެ އާންމުކޮށް ޕާސްޕޯޓް ކާޑް ބޭނުން ކުރަނީ އެމެރިކާގަ އެވެ. އެ ގައުމުން ދޫކުރާ ޕާސްޕޯޓް ކާޑް ބޭނުން ކުރެވެނީ ކެނެޑާ، މެކްސިކޯ، ކެރީބިއަން އަދި ބާމިއުޑާގެ ގައުމުތަކަށް ދަތުރު ކުރުމަށެވެ. އަދި ޔޫރަޕްގެ އެތެރޭގެ ދަތުރުތަކުގައި ބޭނުން ކުރުމަށް ޔޫރަޕްގެ ބައެއް ގައުމުތަކުން މީގެ އަހަރުތަކެއް ކުރިން ޕާސްޕޯޓް ކާޑް ތައާރަފްކޮށް ބޭނުން ކުރަމުން އާދެ އެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު ހަފްލާގައި ވިދާޅުވީ އިމިގްރޭޝަންގެ ހިދުމަތްތައް ޒަމާނީ ކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ މަސައްކަތްތަކެއް ފަށައިގެންފައިވާ ކަމަށެވެ. އަދި މި ޕާސްޕޯޓް ކާޑްގެ ސަބަބުން ދިވެހިންނަށް ގިނަ ހިދުމަތްތަކެއް ފަސޭހަކަމާ އެކު ލިބިގެން ދާނެ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ. އަދި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މިފަދަ ގިނަ ފަސޭހަތަކެއް ދިވެހިންނަށް ހޯދައިދޭނެ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.

އިމިގްރޭޝަނުން އަންނަނީ ރާއްޖެއަށް ފަހުގެ ޓެކްނޮލޮޖީތައް ތަޢާރަފްކުރަމުންނެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އީ ގޭޓް ތަޢާރަފްކުރުމާއި އިލެކްޓްރޯނިކް ޕާސްޕޯޓް ތަޢާރަފް ކުރުން ފާހަގަކޮށްލެވެއެވެ. އަދި ކިއުގައި ނުޖެހި ޕާސްޕޯޓް ހެދޭނެ އިންތިޒާމްތައްވެސް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ.

.