ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ މާލެ ސަރަހައްދުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 400 އަށްވުރެ ގިނަ މީހުން ފާސްކޮށް، 13 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، އެ އިދާރާގެ ހާއްސަ ޓާސްކް ފޯސްއިން އިއްޔެ މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމްލަ 426 ބިދޭސީއަކު ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 13 މީހަކު ފާހަގަވުމުން، އެ މީހުން ވަނީ ވަގުތުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ‘މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް’ ގެ ދަށުން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 އަދި ހުޅުމާލެ ފޭސް 2 ގައި ވެސް 53 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފުވި ދެ މީހަކު ވަނީ ހިފަހައްޓާފައެވެ. އޭގެ ކުރިން ޖުލައި މަހުގެ 30 ވަނަ ދުވަހު މާލޭގެ ހަ ސަރަހައްދަކުން 28 ބިދޭސީއަކު ހުއްޓުވައި، އަށް މީހަކު ވެސް ވަނީ ހިފަހައްޓާފައެވެ.
މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ މިފަދަ ބޮޑެތި އޮޕަރޭޝަންތައް ހިންގާފައެވެ. އިމިގްރޭޝަން އޮފީހުން ބުނީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު ކ. ތިލަފުށީގައި ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑްގައި 836 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން ގަވާއިދާ ހިލާފުވި 32 މީހަކު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް މާލެއާއި އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.