English Edition
Dhivehi Edition

ރާއްޖޭގައި ހެދިފައިވާ ޤަވާޢިދާއި ޤާނޫނު ތަކަށް ދިވެހިންވެސް ޢަމަލު ކުރައްވައި ހުއްދަނެތި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން އިލްތިމާސް ކުރައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަމާ ގުޅޭ ގާނޫނަށް އަލިއަޅުއްވަމުން ޝަމްޢާން ވިދާޅުވީ އެންމެހާ ފަރާތްތަކުންވެސް އިމިގްރޭޝަންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރައްވަންޖެހޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުން، ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގައި، މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެކެވެ.

އަދި އެފަދަ ފަރާތްތައް އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވެ އެވެ.

(20) Mohamed Shamaan Waheed on X: “ޤާނޫނު ނަންބަރު: 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެށް. އަދި އެފަދަ ފަރާތްތައް އެ” / X

ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރެއިޑް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް މިސަރުކާރުން ވަނީ ފަށާފަ އެވެ. އެ އޮޕަރޭޝަންގެ ދަށުން މިރޭ ވެސް ވަނީ ހުޅުމާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިއަ 04 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް 3 އަހަރުގެ ތެރޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށެވެ. އެގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނެގުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ހިއްސާކުރައްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ގެ ނިޔަލަށް ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ އަދަދަކީ 90،624 އެވެ. އެ މުއްދަތުގެ ތެރޭގައި ވިސާއާ ވޯކް ޕާމިޓް ކެންސަލްކޮށް އަމިއްލަ ގޮތުން 206 މީހަކު އަނބުރާ ގައުމަށް ގޮސްފައިވެ އެވެ. މި ވަގުތު އެކްޓިވް ވޯކް ޕާމިޓްގެ އަދަދަކީ 135،679 އެވެ.