English Edition
Dhivehi Edition
ފޮޓޯ: އިމިގްރޭޝަން

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް ތައާރަފްކުރި “އިމިގްރޭޝަން ވޮޗް”އަށް މިހާތަނަށް 900އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް “އިމިގްރޭޝަން ވޮޗް”ގެ ނަމުގައި ހާއްސަ އޮންލައިން ޕްލެޓްފޯމެއް ތައަރަފުކުރީ މިއަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހުގައެވެ.

ހޯމް މިނިސްޓްރީން ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ބޮޑު ހައްލެއް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފަވާއިރު ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން ގިނަ އޮޕަރޭޝަންތަކެއް ހުއްޓުމެއްނެތި ކުރިއަށް ގެންދާކަމަށެވެ، އެގޮތުން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި އޮޕަރޭޝަންތަކުގައި 5012 ބިދޭސީން ރާއްޖެއިން ފުރުވާލާފަވާއިރު 1300އަށް ވުރެ ގިނަ ތަންތަން ބަލައިފާސްކޮށްފައިވެއެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނައިރު ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަން، އަތޮޅުތަކަށް ފުޅާކުރެއްވުމަށް މަސައްކަތްކުރަމުން އަންނަކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.