English Edition
Dhivehi Edition
ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ އަލީފް- އޭއޯ ނިއުސް

ފުވައްމުލައް ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް މިއަހަރު ނޮވެންބަރު މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އެމަސައްކަތް ކުރިއަށް ގެންދާ އެމްޓީސީީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއެޖެއެވެ.

ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓަކަށް ޖަވާބުދެއްވަމުން އާދަމް އާޒިމް ވިދާޅުވީ ނޮވެންބަރު 2022ގެ ކުރިން ފުވައްމުލަކުގެ ރީތި މަގުތައް ﷲގެ ހެޔޮ ރަހުމަތުން ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ. އެހެންނަމަވެސް މި މަޝްރޫއުގެ މަސައްކަތް މިހާރު ނިމިފައިވާ ހިސާބުގެ، އިތުރު ތަފްސީލެއް އާދަމް އާޒިމް ހާމަކުރައްވާފައެއް ނުވެއެވެ.

އެމްޓީސީސީ އާއި 2019 ވަނަ އަހަރުގެ ޖުލައި 4 ވަނަ ދުވަހު ހަވާލުކުރި މި މަސައްކަތަކީ ގާތްގަނޑަކަށް ދެ އަހަރު ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. އެހެންނަމަވެސް މި މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު،، މީގެ ކުރިން އެމްޓީސީސީ އިން ވަނީ އެމަގުގެ މަސައްކަތް 2021 ވަނަ އަހަރު ނޮވެންބަރު މަސް ނިމެންވާއިރަށް ނިންމާލެވޭނެކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ތާރީހަށްވެސް މަސައްކަތް ނިންމިފައި ނުވާއިރު އެމްޓީސީސީ އިން ބުނީ މަގުހެދުމުގެ މަސައްކަތް ލަސްވެގެންދިޔައީ އެމަސައްކަތަށް ބޭނުންވާ ސާމާނުތަކެއް އިމްޕޯޓް ކުރަންޖެހުމާއި އެކު ކޮވިޑާ19 އާއި ގުޅިގެން ލޮޖިސްޓިކް ދަތިތަކެއް ކުރިމަތިވުމުން ކަމަށެވެ.

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ 31 މަގުގައި، 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެއެވެ. ފުވައްމުލަކު ސިޓީ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން، 122،659 ސްކުއެއާ މީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 ސްކުއެއާ މީޓަރުގެ ތާރު އެޅުމާއި، ޕޭވްމެންޓް ހެދުމާއި، މަގުތަކުގައި ބައްތި ހަރުކުރުމާއި އަދި ފެން ހިންދާ ނިޒާމު މަސައްކަތް ކުރާނެއެވެ.