English Edition
Dhivehi Edition

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން އެ ސިޓީގައި ކުރިޔަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރ ޓްރޭނިންގ ކޯސް ނިންމާލައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބެޑްމިންޓަން އަމްޕަޔަރުންނަށް އެނގެން ޖެހޭ މުހިންމު މައުލޫމާތުތައް ކޯހުގެ ބައިވެރިންނަށް ވަނީ ކިޔައިދީފައެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެ ތަމްރީން ފުރިހަމަ ކުރި 9 ފަރާތަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވެވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވެވީ ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު އިބްރާހިމް ހަސަންއެވެ. މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޯހުގެ ބައިވެރިންނަށް ކިޔަވާދެއްވީ ބެޓްމިންޓަންގެ ތަޖުރިބާކާރު ދެ ރެފްރީން ކަމަށްވާ އިބްރާހިމް ޒިޔާއު މުހައްމަދާއި އަލީ އަބުދުލް ކަރީމެވެ.

ބެޓްމިންޓަންގެ ފެންވަރު މަތިކޮށް ބެޓްމިންޓަންގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަގުޞަދުގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ބެޑްމިންޓަން އަމްޕަޔަރުންނަށް އެނގެން ޖެހޭ މުހިންމު މައުލޫމާތުތައް ކޯހުގެ ބައިވެރިންނަށް ވަނީ ކިޔައިދީފައެވެ.

ފުވައްމުލައް ސިޓީގައި މި ޕްރޮގްރާމު ކުރިއަށް ގެންދިޔަ އިރު މިދުވަސްކޮޅާއި ދިމާކޮށް ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކައުންސިލްގެ ބެޑްމިންޓަން ޓޯނަމެންޓެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޓޯނަމެންޓުގެ ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމެވެ.

ފުވައްމުލައް ސިޓީ އަކީ ކުޅިވަރުގެ ރޮނގުން ގިނަ ތަމްރީނު ޕްރޮގްރާމު ތަކެއް އެ ސިޓީގައި ކުރިއަށް ގެންދާ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ތަފާތު މަސައްކަތް ކުރާ ސިޓީއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ތަނެކެވެ.