އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނިންމައި، އޭގެ ރިޕޯޓް އެންޓަވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ހުށަހަޅައިފި އެވެ.
މި ސަރުކާރުން އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މި މަޝްރޫއުގައި ހިމެނެނީ ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި ރިސޯޓު ހަދަން އާ ފަސް ރަށެއް ހެދުމެވެ. މި މަޝްރޫއުގެ ދަށުން އައްޑޫގެ އެކި ސަރަހައްދުތަކުން 228 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން މި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގައި ހިމެނޭ މަޝްރޫއެކެވެ.
މި މަޝްރޫއުއާ ގުޅޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސިސްޓަންޓް ހަދާ ނިމިފައިވާއިރު، މި މަޝްރޫއުގެ ރިޕޯޓްވަނީ އީޕީއޭ އަށް ހުށަހަޅާފައެވެ. އަދި މިހާރު އީޕީއޭ އިން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުއާ ގުޅޭ އީއައިއޭ ރިޕޯޓު ދިރާސާކުރަމުން އަންނައިރު މި ރިޕޯޓްގައިވާ ގޮތުން މި މަޝްރޫއުގެ ސަބަބުން އައްޑޫގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ބޮޑެވެ،
މި ގޮތުން މި މަޝްރޫއުގެ ރިޕޯޓްގައިވާ ގޮތުން ބިން ހިއްކުމަށްޓަކައި ވެލި ނެގުމަށް ހަމަޖެހިފައި ވަނީ އަތޮޅުގެ އެތެރެވަރިންނެވެ. އެހެންކަމުން އެންމެ ބޮޑު ގެއްލުމެއް ވާނެ ކަމަށް ލަފާކޮށްފައިވަނީ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް އަތޮޅުތެރެ ކޮނުމުގެ މަސައްކަތް ކުރަމުންދާ އިރުގައެވެ، އީއައިއޭ ރިޕޯޓްގައިވާ ގޮތުން އެތެރެވަރިން ވެލި ނެގުމުން އުފެދޭ ކިލަނބުގެ އަސަރު، ވެލި ނަގާ ސަރަހައްދުން ފެށިގެން އަތޮޅުތެރޭގައި ފަސް ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދަކަށް ނުވަތަ އެއަށް ވުރެ ވެސް ބޮޑު ސަރަހައްދަކަށް ކުރާނެއެވެ،
މީގެ އިތުރުން އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން މި މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ގާތްގަނޑަކަށް 21 ހެކްޓަރުގެ މުރަކަ އާއި 120 ހެކްޓަރުގެ މޫދުވިނައިގެ މައްޗަށް ވެލި އެޅި ވަޅުލެވިގެންދާނެއެވެ. އަދި ފަޅުގެ ސަރަހައްދަކީ ގިނަ އަދަދަކަށް ކުދިމަސް އާލާވެ ދިރިއުޅޭ ސަރަހައްދެއް ކަން ފާހަގަކޮށް އެ ސަރަހައްދުތައް ސާވޭ ކުރިއިރު ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބު ވެސް، މޫދުވިނަތަކުގެ ތެރެއިން ފެނިފައިވާކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ،
މި ރިޕޯޓްގައި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ކުރެވިދާނެ ކަންކަންވެސް ވަނީ ހިމަނާފައެވެ. މި ގޮތުން ކިލަނބުގަނޑު ކުޑަކުރަން ޑްރެޖަރުގައި ގްރީން ވެލްވްއެއް ބޭނުން ކުރުމާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މާކަރު ހަރުކޮށް އެތަންތަނާ ވީހާ ވެސް ދުރުން ވެލި ނެގުން ހިމެނެއެވެ.