English Edition
Dhivehi Edition

ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑޫން ހިއްކި ތިން ރަށަކަށް ކިޔާނެ ނަންތައް އައްޑޫ ސިޓީ ކައުންސިލުން ފާހަގަކޮށްފިއެވެ.

މިއަދު ހެނދުނު ކުރިއަށް ދިޔަ އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މި ރަށްތަކަށް ކިޔާނެ ނަންތައް ވަނީ ފާސްކޮށްފައެވެ. މި ގޮތުން ހިތަދޫ އުތުރު ފަޅުން ހިއްކި ރަށަށް ދީފައިވާ ނަމަކީ ‘ދޮންދީނި ހެރަ’ އެވެ. ހިތަދޫން ހިއްކި އަނެއް ރަށަށް ދީފައިވާ ނަމަކީ ‘ބޮލިހެރަ’ އެވެ. އަދި މީދޫ ފަޅުތެރެއިން ހިއްކި ރަށަށް ކިޔަނީ ‘ދޮންހެރަ’ އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ ތިން ރަށުގައި ޓޫރިޒަމަށް ތަރައްގީކުރަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި އެއީ އައްޑޫގެ ތަރައްގީއަށް މުހިންމު މަޝްރޫއަކަށް ވެގެންދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަކީ ސިޔާސީ ފިކުރަކަށް ނިސްބަތްކޮށްގެން ދައްކަވާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ އައްޑޫގެ އިގްތިސާދު ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކަމަށެވެ.